Roadha Mihaaru
3 ވަޒީރުންގެ ރުހުމުގެ މައްސަލަ މާދަމާގެ އެޖެންޑާގައި

ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

02 ޖޫން 2024

މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މާ ގިނައިރު ތަކެއް ނުވަނީސް އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ. އަދި ރުހުން ހޯދުމަށް އަލުން ނަންފުޅުތައް މަޖިލީހަށް ފޮނުއްވައިފަ އެވެ.

މި ސަރުކާރަށް ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލިހުގެ މެމްބަރުން މިދިޔަ ހޯމަ ދުވަހު ހުވާ ކުރައްވާފައިވާއިރު، މާދަމާ ބާއްވާ އެ މަޖިލިހުގެ ފުރަތަމަ ޖަލްސާއަށް ވަނީ ރުހުން ހޯދުމުގެ މައްސަލަ އެޖެންޑާކޮށްފަ އެވެ. މައްސަލައިގެ ބަހުސް މާދަމާ ނިމިއްޖެ ނަމަ އެ މައްސަލައަށް މާދަމާ ވޯޓަށް އަހާނެ އެވެ.

މިހާރު ކުރިއަށްދާ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން އަށް މެންބަރަކު އައްޔަން ކުރުމުގެ މައްސަލަ ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ތިން ވަޒީރުންނަށް ރުހުން ދީފައިނުވިނަމަވެސް، އަލުން އައްުޔަން ކުރެއްވުމާއެކު ތިން ބޭފުޅުން އަދިވެސް ތިއްބެވީ މަގާމުގަ އެވެ.