Roadha Mihaaru
އުޝާމް، ޝަހީމް އަދި ހައިދަރަށް މަޖިލީހުން ރުހުން ދީފި

އުޝާމް، ޝަހީމް އަދި ހައިދަރަށް މަޖިލީހުން ރުހުން ދީފި

10 ޖޫން 2024

މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދޭން ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުދޭން އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދޭން ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. ވަކި ސަބަބެއް ނެތި، އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ތިން ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން މިއަދު އެހި ވޯޓުގައި އުޝާމަށް ރުހުން އޮތް ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 87 މެންބަރުންގެ ވޯޓުންނެވެ. ޝަހީމަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ 83 މެންބަރުންނެވެ.

ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އެމްޑީޕީގެ ތިން މެންބަރަކު ވަނީ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 81 މެންބަރުން ވޯޓެވެ.

ނިމިދިޔަ ދައުރުގައި ރުހުން ނުދޭން ފާސްކުރި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމުތަކަށް އެ ވަޒީރުން އައްޔަން ކުރައްވައިފަ އެވެ.