Roadha Mihaaru
ކޯޓުއާ ނުލައި ޔޫރޯ އަށް، ބެލްޖިއަމް އެ ހަދަނީ ގޯހެއް

ކޯޓުއާ ނުލައި ޔޫރޯ އަށް، ބެލްޖިއަމް އެ ހަދަނީ ގޯހެއް: މީޑިއާ

04 ޖޫން 2024

ބްރަސަލްސް (ޖޫން 4) – ގޯލްކީޕަރު ޓިބޯ ކޯޓުއާ ނުހިމަނައި، ބެލްޖިއަމް ޔޫރޯ އަށް ދިއުމަކީ އެ ޓީމުގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ހަދާ ގޯހެއް ކަމަށް ބުނެ އެ ގައުމުގެ މީޑިއާތަކުން އޭނާ އަށް ފާޑު ކިޔައިފި އެވެ.

ބްރަސަލްސް (ޖޫން 4) – ގޯލްކީޕަރު ޓިބޯ ކޯޓުއާ ނުހިމަނައި، ބެލްޖިއަމް ޔޫރޯ އަށް ދިއުމަކީ އެ ޓީމުގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ހަދާ ގޯހެއް ކަމަށް ބުނެ އެ ގައުމުގެ މީޑިއާތަކުން އޭނާ އަށް ފާޑު ކިޔައިފި އެވެ.

މި މަހު 14 ގައި ޖަރުމަނުގައި ފަށާ މުބާރާތަށް، ޓެޑެސްކޯ ނެގި ސްކޮޑްގައި ރެއާލް މެޑްރިޑްގެ ކީޕަރު ހިމަނާފައެއް ނުވެ އެވެ. އޭނާ ސްކޮޑަށް ނުނަގައިގެން ބެލްޖިއަމްގެ މީޑިއާތަކުން ފުރަތަމަ އަޅައެއް ނުލަ އެވެ. އެއީ ސީޒަންގެ ބޮޑުބައި އަނިޔާގައި ކޯޓުއާ ހޭދަ ކުރުމުން، އޭނާގެ ފެންވަރު ވަޒަން ކުރަން ނޭނގޭނެތީ އެވެ.

އެކަމަކު ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި އޭނާ ދެއްކި ކުޅުމާ އެކު ބެލްޖިއަމްގެ ސްކޮޑަށް އޭނާ ނުނަގައި ދޫކޮށްލުން އެއީ ހެދޭ ގޯހަކަށް ވެދާނެކަމަށް، މީޑީއާތަކުން ބުނެފައި އެވެ.

"ޔޫރަޕިއަން ޗެމްޕިއަންޝިޕަށް ސްކޮޑް ކަށަވަރު ކުރުމުގެ ކުރިން ގޯލްކީޕަރާ ގުޅުން އަލުން ހަރުދަނާ ކުރުމަށް ކޯޗުގެ ކިބައިން އެދެން،" ކުޅިވަރު ނޫހެއް ކަމަށްވާ "ލާ ޑާނިއާ ހިއުރޭ ލެސް ސްޕޯޓްސް" ގައި "އެކުވެރި ޑޮމެނިކޯ، ޓިބޯ އަށް ވިސްނައިދޭން ބާކީ ހަތަރު ދުވަސް" މި ސުރުހީގެ ދަށުން ލިޔެފައި ވެއެވެ.

ބެލްޖިއަމްގައި ފްރާންސް ބަހުން ބްރޯޑްކާސްޓް ކުރާ "އާރްޓީބީއެފް" އިން ރެއާލްގެ ގޯލްކީޕަރަށް ތައުރީފު ކުރި އެވެ. އަދި ކޯޗު ޓެޑެސްކޯގެ އީގޯ ދޫކޮށްލުމަށް އެ ޓީވީން ގޮވާލާފައި ވެއެވެ.

މީގެ އަހަރެއް ކުރިން ކޯޓުއާ އާއި ޓެޑެސްކޯއާ ދެމެދު މައްސަލަ ޖެހުނެވެ. އެކަމާ ހުރެ ބެލްޖިއަމްގެ ޓްރޭނިން ކޭމްޕް ވެސް ކޯޓުއާ ދޫކޮށްލި އެވެ.

"މި ރެކޯޑަކީ ވަރަށް ފުރިހަމަ ރެކޯޑެއް: 5 މެޗު، ބައިކޮޅަށް ގޯލެއް ނުވަދޭ. އަދި 424 މިނެޓު ބަލިނުވެ. (ކޯޓުއާ ނެތުން) ޔޫރޯ 2024 އާ މެދު ކަންބޮޑުވާން ޖެހޭ އިތުރު ހުރިހާ ސަބަބުތަކެއް މިހުރީ،" 'އާރްޓީބީއެފް' ގެ އޮންލައިން ނޫހުގައި ވެއެވެ.

މިދިޔަ ޑިސެމްބަރު މަހު ކޯޓުއާ ވެސް ބުނީ، މިހާލަތުގައި ގައުމީ ޓީމަށް ނުނެގިޔަސް އޭނާގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އެކަމަކު ޓީމަށް ގޮވާލައިފިނަމަ އެ ފުރުސަތު ބޭނުން ކުރާނެކަމަށް އޭނާ ބުނެފައި އެވެ.

ސްކޮޑް އިއުލާން ކުރަމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓެޑެސްކޯ ބުނީ ކޯޓުއާގެ ހާލަތު އޭނާ އަމިއްލަ އަށް ދަންނަ ކަމަށެވެ.

"އަހަންނަށް އެންމެ ފަހުން މައުލޫމާތު ލިބުނީ ޔޫރަޕިއަން ޗެމްޕިއަންޝިޕަށް އޭނާ މުޅިން ތައްޔާރެއް ނޫނޭ،" ޓެޑެސްކޯ ބުންޏެވެ.

ޓީމަށް ނެގި ތިން ކީޕަރުންނަކީ: ކޯން ކަސްޓީލްސް (ވްލްފްސްބާގް)، ތޯމަސް ކަމިންސްކީ (ލޫޓަން ޓައުން) އަދި މަޓް ސެލްޒް (ނޮޓިހަންމް ފޮރެސްޓް)

ޔޫރޯގައި ބެލްޖިއަމް ލައްވާލީ ސްލޮވޭކިއާ، ރޮމޭނިއާ އަދި ޔޫކްރޭނާ އެކު ގުރޫޕް އީގަ އެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ސްލޮވޭކިއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭގަޑިން އެރޭ 9 ޖަހާއިރު އެވެ.