ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
04 ޖޫން 2024
ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް، ރައީސް ވަނީ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްްވައިފަ އެވެ.
ބިލާ މެދު އަލުން ގޮތެއް ނިންމުމަށް ބަހުސްކޮށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށެވެ. ނަމަވެސް އެކަމަށް ނެގި ވޯޓުގައި 75 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއިރު، އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. އެހެންވެ އެ ހުށަހެޅުން ފާހެއް ނުވި އެވެ.
އެ ހުށަހެޅުން ފާސްނުވުމާ ގުޅިގެން މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ބިލް އޮތް ގޮތަށް ފާސްކުރަން ވޯޓު ނެގި ނަމަވެސް، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހުން ވޯޓު ދިނީ ބިލު ބޭރުކޮށްލުމަށެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރަން ވޯޓު ދިނީ އެމްޑީޕީގެ މެންބަރުންގެ އެކަންޏެވެ.
ނިމިދިޔަ 19 ވަނަ މަޖިލިހުގައި އަޣުލަބިއްޔަތު ކޮންޓްރޯލްކުރި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން ފާސްކުރި އެ ބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރިތާ އެތައް ދުވަހެއްވީ ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލުނުކުރާ ކަމަށް ބުނެ ހުށަހެޅި ބިލެކެވެ.
އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެ އެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލުކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ބިލު ތަސްދީގު ނުކުރެއްވި ސަބަބު ބަޔާން ކުރައްވައި ރައީސް، މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަން ބިލުގައި އޮތް ނަމަވެސް، ގޯތިތައް ހަވާލުނުކުރެވި ލަސްވަނީ ގޯތި ދޫކޮށްފައިވާ ތަންތަނުގެ ސަބަބުން ލަސްތަކެއް ހުރުމުންނާއި ހިއްކާފައި ނުވާ ތަންތަނުން ދީފައިވާ ތަންތަނުގެ ގޯތިތަކުގެ ރެޖިސްޓްރީ ދޫކުރެވިފައިނުވާތީ ކަމަށެވެ.
އަދި، ގާނޫނުގައި ގޯތި ލިބޭތާ ވަކި މުއްދަތެއްގެ ތެރޭގައި ދިރިއުޅެން ފަށަން ޖެހޭއިރު، މި ބިލުގެ ސަބަބުން އެކަމަށް ފުށުއެރުމުގެ ފުރުސަތު އޮތް ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: މި ބިލު ހުށަހަޅުއްވާފައިވަނީ މީކާއިލް -- ފޮޓޯ: މަޖިލިސް
މި ބިލަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޯތިތަކުގެ ތެރޭގައި ނުހިއްކާ ހުރި ބިންތަކުން ދޫކޮށްފައިވާ ގޯތިތައް ވެސް ހިމެނޭ ކަމަށް ރައީސްގެ ސިޓީގައިވެ އެވެ.
"ނަމަވެސް އެ މުއްދަތަކީ ބިން ހިއްކުމުގެ މަޝްރޫއުތައް ގޮސްފައިވާ ހިސާބަށް ރިއާޔަތް ކުރާއިރު އެ ގޯތިތައް ހަވާލުކޮށް ނިންމުމަށް އެކަށީގެން ނުވާ އަދި އަމަލީ ގޮތުން އެކަން ނިންމުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ފެނެ އެވެ." ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ކޮމިޓީ މަރުހަލާގައި މި ކަންކަން މިނިސްޓްރީން ހިއްސާކުރިނަމަވެސް، ބިލު ފާސްކޮށްފައިވަނީ އެކަމަށް ރިއާޔަތް ނުކޮށް ކަމަށް ވެސް ސިޓީގައިވެ އެވެ.
މީގެ އިތުރުން މިޒަމާނާ ގުޅޭ ގޮތުން އާ ބިމާ ބެހޭ ބިލެއް ހުށަހަޅާފައިވާނެ ކަމަށާއި އެ ބިލު ތަސްދީގު ކުރުމާއެކު ކުރީގެ ބިލު އުވޭނެތީ، ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލް ކުރެވިދާނެ ކަމާމެދު ރައީސްގެ ސިޓީގައި ސުވާލު އުފައްދަވައިފައިވެ އެވެ.
މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގުޅިފަޅު މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކުރީ ސަރުކާރުން ބިންވެރިޔާ ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރީ އޮގަސްޓު 13، 2023 ގަ އެވެ. އަދި މި ބިލު ހުށަހަޅާފައި ވަނީ އޭގެ ހަ މަސްދުވަސް ފަހުން މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދީފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރި އެވެ.
ހައުސިން މިނިސްޓްރީ އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ.
ނަމަވެސް ހަވާލުނުކުރާ 303 މީހުން ތިބި ކަމަށާއި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާ މިދިޔަ މަހު މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ބިން ލިބުނު ފަހުން 12 މީހަކު މަރުވި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ސަރުކާރުން އަންނަނީ ރަޖިސްޓްރީއާ ހަވާލު ނުވާ ފަރާތްތަކަށް އަލުން އެ ފުރުސަތު އެކި ފަހަރު މަތިން ދެމުންނެވެ.
ގޯތިތައް ތިން މަސް ތެރޭ ހަވާލުކުރަން އިސްލާހެއް
ގޯއްޗާއި ފްލެޓް އަވަހަށް ހަވާލުކުރަން ގޮވާލާ ގަރާރެއް
މިނިސްޓަރު ހައިދަރަށް އެމްޑީޕީން ރުހުން ނުދޭން އެދިއްޖެ
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
ގުޅިފަޅުން 6،000 ފްލެޓަށް ބިން ޚާއްސަކުރަން އެދެފި
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް
ފްލެޓު ލިބުނު ބޭފުޅުންގެ މައްސަލަ ބަލަން ޖެހޭ: ވިސާމް
ފުށިދިއްގަރު ފަޅަކީ މާލެ ރައްޔިތުންގެ ހައްގެއް: ބޮންޑޭ
ރަށްރަށުގެ މެމްބަރުން ހުޅުމާލެއިން ގޯތި ހޯދަން ނޫޅޭތި