Roadha Mihaaru
ފުލުހުން ނަތީޖާ ނެރެން ޖެހޭ: އިހުސާން

ދައުލަތުން ބޮޑު ހަރަދެއް ފުލުހުންނަށް ކުރޭ، ނަތީޖާ ނެރެން ޖެހޭ: އިހުސާން

05 ޖޫން 2024

ދައުލަތުގެ ބަޖެޓްގެ "ކޮންމެ 100 އިން 4ރ. ހަރަދުވަނީ ފުލުހުންނަށް" ކަމަށާއި އެހެންވެ، ފުލުހުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ނަތީޖާ ނެރެން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތުގެ ބަޖެޓްގެ "ކޮންމެ 100 އިން 4ރ. ހަރަދުވަނީ ފުލުހުންނަށް" ކަމަށާއި އެހެންވެ، ފުލުހުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ނަތީޖާ ނެރެން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައެޅި ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އިހުސާން ވިދާޅުވީ މިނިސްޓަރެއްގެ ހައިސިއްޔަތުން އޭނާ ކުރައްވާނެ ކަމަކީ މި ޕްލޭނަށް ފުލުހުން އަމަލުކުރޭތޯ ބެލުން ކަމަށެވެ. އަދި ފުލުހުންގެ އިދާރާގެ އެންމެ މުހިންމު އަމާޒަކަށް ވާން ޖެހޭނީ މި ޕްލޭންގައި ހުރި ކަންކަން ތަންފީޒުކޮށް، ނަތީޖާ ނެރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފުލުހުންގެ އިދާރާ އަށް އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށެވެ. އެއީ ދައުލަތުގެ ބަޖެޓުގެ ހަތަރު ޕަސެންޓް ކަމަށާއި އޭގެ މާނައަކީ ދައުލަތަށް ލިބޭ ކޮންމެ 100ރ. އިން 4ރ. [ހަތަރު ޕަސެންޓް] ދެނީ ފުލުހުންގެ މުއައްސަސާ އަށް ހަރަދުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިވަރުގެ ބޮޑު ހަރަދެއްކުރާ އިރު ފުލުހުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސްޓްރެޓެޖިކް ޕްލޭންގައި ހުރި ކަންކަން ތަންފީޒުކުރުމަށް ފުލުހުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރިހަމަ ބާރު ވެސް އޮންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ޒިންމާ ނަގައި ޒިންމާދާރު ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދުގެ ސަރުކާރުން ތިބޭފުޅުން މައްޗަށް އެއްވެސް މީހަކު އިންފްލުއެންސެއް ނުކުރާނެ މިވެނި މީހަކާ ދޭތެރޭގައި މިވެނި ގޮތަކަށް އަމަލުކުރާކަށް. އެހެންވީމަ، ދިވެހި ފުލުހުންނަށް ފުރިހަމަ އަށް އެ ބާރު ލިބިގެންވާނެ، ތަފާތުނުކޮށް ގާނޫނު ތަންފީޒުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ސަގާފަތެއް މިއީ ޖެހިގެން އޮންނަ މީހާގެ ބޮލަށް ޒިންމާތައް ކަނޑާލުން. އަޅުގަނޑުމެން މި ބައިން ނެއްޓެންޖެހޭ."

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ސްޓްރެޓެޖިކް ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގޭންގު ކުށްތައް މަދުކުރުން ކަމަށް ފާހަގަކޮށް އިހުސާން ވިދާޅުވީ ފުލުހުންގެ އަމާޒަކަށް ވާން ޖެހޭނީ ކުރިއަށް އޮތް ހަތަރު އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ގޭންގެއް ނިމުމަކަށް ގެނައުން ކަމަށެވެ. ފުލުހުންގެ ހަގީގީ އަމާޒަކަށް ވާން ޖެހޭނީ ކުށް މަދުކުރުމުގެ ބަދަލުގައި އެއްވެސް ވަރަކަށް ކުށް ނުކުރާ މުޖުތަމައުއެއް ގާއިމްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި، ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއް ދޭން ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

• ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.

• ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކުރުން.

• ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފިޒިކަލް އިންފްރާސްޓްރަކްޗާ އާއި ޓެކްނޮލޮޖީ އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުން.

• ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓްތަކާއި ސިސްޓަމްތަކާއި ޕްރޮސެސްތަކާއި ގަވާއިދުތަކާއި ޕޮލިސީ އަދި ޕްރޮސީޖާތައް ރިވިއުކޮށް އިސްލާހުތައް ގެނައުން.

• ފުލުހުންނަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތެއް ދޭ އިދާރާއަކަށް ހަދައި، ފުރިހަމަ އަށް ޖަވާބުދާރީ ވެވޭ ވަރުގެ ތަނަކަށް ހެދުން.