Roadha Mihaaru
17 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިދިޔަ ދެ މަހު 17 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

06 ޖޫން 2024

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން އެކްސް ނެރުނު ނޫސްބަޔާނެއްގައި ވަނީ އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތްތަކުގެ ތަފުސީލް ހިއްސާކޮށްފަ އެވެ. އެއީ 7.8 ކިލޯގެ މަސްތުވާތަކެއްޗެވެ؛

• 5،670 ގްރާމްގެ ކޮކެއިން

• 1،690 ގްރާމްގެ ސިންތެޓިކް ކެތިނޯ

• 300 ގްރާމްގެ ހެރޮއިން

• 180 ގްރާމްގެ ސިންތެޓީކް ކެތިނޯން

އެއީ މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 25 ގެ ނިޔަލަށް އެކި ދުވަސްތަކުގެ މަތިން އަތުލައިގަނެފައިވާ މަސްތުވާތަކެއްޗެވެ.

މި ތަކެތި ފެނިފައި ވަނީ ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރުން އަދި ކުރިއަރު މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލުތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތައް ހުރުމުން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތީގެ މަގުމަތީ އަގު 17.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފަ އެވެ.

މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި މައްސަލަތަކުގައި ޝާމިލްވާ މީހުންނާއި އަތުލައިގަތް ތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.