Roadha Mihaaru
ވިލާ ކޮލެޖުގެ ކޮންފަރެންސަށް 53 ކަރުދާހެއް

ވިލާ ކޮލެޖުގެ މި އަހަރުގެ އައިސީއެސްއާރުއައި ކޮންފަރެންސަށް 53 ކަރުދާހަކާ އެކު މުހިންމު މަޝްވަރާތަކެއް

09 ޖޫން 2024

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި) ކޮންފަރެންސް އިއްޔެ ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރުއައި) ކޮންފަރެންސް އިއްޔެ ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސަކީ ދިރާސާކުރާ ފަރާތްތަކާއި ދަރިވަރުންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެކި ކަންކަމާ މެދު މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް އެ ކޮލެޖުން ދޭ ޕްލެޓްފޯމެކެވެ.

މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިން ދަ ޕާތު އަހެޑް" އެވެ.

އައިސީއެސްއާރުއައި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ބާއްވަނީ.

އައިސީއެސްއާރުއައި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ބާއްވަނީ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މި ފަހަރުގެ ކޮންފަރެންސުގެ ތީމަށް ބިނާކޮށް 53 ކަރުދާހެއް މި ހުށަހަޅާނެ ކަމަށެވެ. އެ ކަރުދާސްތައް ހުށަހަޅާނީ ޕޮލިސީ، ލޯ އެންޑް ގަވަނަންސް، އެންޓްރަޕްރެނާޝިޕް، ފައިނޭންސް އެންޑް އިންޑަސްޓްރީ، އެންވަޔަރުމެންޓް، ސަސްޓެއިނެބިލިޓީ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ޖެންޑާ އެންޑް ސޮސައިޓީ، އެޑިއުކޭޝަން، ލެންގުއޭޖް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ހެލްތު، ނާސިން އެންޑް ސޯޝަލް ވޯކް، ސައިކޮލޮޖީ، ލައިފްސްޓައިލް އެންޑް ވެލް ބީން އަދި އިންޖިނިއަރިން، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންގެ ދާއިރާއިންނެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރު ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދް އާދިލް ވިދާޅުވީ، އެއީ ދިރާސާކުރާ ފަރާތްތަކާއި ލެކްޗަރާއިންނާއި ދަރިވަރުންނާއި ސިނާއަތުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ނެޓްވޯކެއް ގާއިމުކުރުމުގެ ފުރުސަތު ދޭނެ ކޮންފަރެންސަކަށް ވާނެ ކަމަށެވެ. މި ފަދަ ނެޓުވޯކެއް ގާއިމުކޮށް އެކި ދާއިރާތަކާ ބެހޭގޮތުން ހަރުދަނާ މަޝްވަރާތަކާއި އިޖުތިމާއީ އިލްމާއި ތަރައްގީގެ ދާއިރާތަކުގައި އާ އުސޫލުތައް އުފެއްދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އައިސީއެސްއާރުއައި ކޮންފަރެންސްގެ ބައިވެރިން ގުރޫޕް ފޮޓޯއެއް ނަގަނީ.

އައިސީއެސްއާރުއައި ކޮންފަރެންސްގެ ބައިވެރިން ގުރޫޕް ފޮޓޯއެއް ނަގަނީ.

ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން އަކީ ވިލާ ކޮލެޖުގެ ކަލަންޑަރުގައި ބާއްވާ އެންމެ މުހިންމު އެއް ހަރަކާތް ކަމަށެވެ. އެއީ ރާއްޖޭގެ އެކަޑެމިކް ދާއިރާގެ ފަރާތްތަކާއި ދިރާސާވެރިންގެ މެދުގައި މަގުބޫލު ހަރަކާތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. އަންވަރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ތީމް "އިނޮވޭޝަންސް ފޯ ސަސްޓެއިނެބިލިޓީ: ފޯޖިން ދަ ޕާތު އަހެޑް" އަކީ ހަލުވިކަމާ އެކު ބަދަލުވަމުން އަންނަ ސައިންސާއި ޓެކްނޮލޮޖީ އާއި މުޖުތަމައު އަދި ދުނިޔޭގެ އެކި ސަރަހައްދތަކުގައި މޫސުމީ ނިޒާމަށް އަންނަ ބަދަލު ދެނެގަނެ ކުރިމަތިލާން ޖެހޭ ގޮތްތައް ހޯދައި ދަސްކުރުމަށް އެހީތެރިވެދޭނެ ތީމެއް ކަމަށެވެ.

މި ކޮންފަރެންސް ޗެއާ އަދި ޑެޕިއުޓީ ވައިސް ރެކްޓަރު، ރިސާޗް އެންޑް އިނޮވޭޝަން ޑރ. އާދިލް އައިސީއެސްއާރުއައިގެ "ރިސާޗް މެތޮޑްސް" ފޮތް އިފުތިތާހު ކޮށްދެއްވި އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ފަސް ޕެނަލް ޑިސްކަޝަނަކާއި ހަތަރު ކީ ނޯޓް ސްޕީކަރުން ވާހަކަ ދައްކަވާނެ އެވެ.

ވިލާ ކޮލެޖުން މި ކޮންފަރެންސް ބާއްވަން ފެށީ 2016 ވަނަ އަހަރު އެވެ.