Roadha Mihaaru
ވިލާ ކޮލެޖުގެ ރިސާޗް ކޮންފަރެންސް ފަށައިިފި

ވިލާ ކޮލެޖުގެ ރިސާޗް ކޮންފަރެންސް ފަށައިިފި

17 ޖުލައި 2019

ވިލާ ކޮލެޖުގެ އިންޓަނޭޝަނަލް އެންޑް ރިސާޗް ކޮންފަރެންސް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ ކޮލެޖުގެ އިންޓަނޭޝަނަލް އެންޑް ރިސާޗް ކޮންފަރެންސް މިއަދު ފަށައިފި އެވެ.

އެ ކޮލެޖުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް އެންޑް އިނޮވޭޝަން ކޮންފަރެންސް" އަށް މިއަހަރު ކަނޑައަޅާފައިވާ ތީމަކީ "ޓްރާންސްފޯމެޓިވް ތިންކިން - ލީޕް ޓު ދަ ފިއުުޗާ" އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ ކޮންފަރެންސަށް 60 އަށްވުރެ ގިނަ ޕޭޕަރު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބޭރުގެ ރިސާޗަރުން ހިމެނެ އެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރަނގަޅު ދިރާސާއަކީ ކަންކަން ނިންމާއިރު މުހިއްމު އެއްޗެއްކަން އަންގައިދިނުން ކަމަށެވެ.

އެ ކޮންފަރެންސްގައި ތަފާތު އަށް ދާއިރާއަކުން ޕޭޕަރުތަކާއި ޕޯސްޓަރުތައް ހުށަހަޅާފައި ވެ އެވެ. އަދި އެ ދާއިރާތަކާ ގުޅޭގޮތުން ހަތަރު ކީނޯޓް ސްޕީޗް އާއި ފަސް ޕެނަލް ޑިސްކަޝަން ހިމެނެ އެވެ.

އައިސީއެސްއާރުއައި ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހަކު ސުވާލެއް ކުރަނީ.-- ފޮޓޯ: ވިލާ ކޮލެޖު

އައިސީއެސްއާރުއައި ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހަކު ސުވާލެއް ކުރަނީ.-- ފޮޓޯ: ވިލާ ކޮލެޖު

އަންވަރު ވިދާޅުވީ ކޮންފަރެންސްގައި ބައިވެރިވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަމަށެވެ. އެއީ ރާއްޖެ އާއި އެހެން ގައުމުތަކުން އެ ކޮންފަރެންސް ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަން ފާހަގަކުރެއްވި އެވެ.

އިޖުތިމާއި އަދި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތައް ވެސް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ ދިރާސާތަކަށް ބަލައިގެންކަމަށް ވިދާޅުވި އެވެ.

ފުރަތަމަ ޑިގްރީ އަދި މާސްޓާސް އަށް ކިޔަވަމުން އަންނައިރު ވެސް ތަފާތު ދާއިރާތަކުން އެކި މައުލޫތައް ރަނގަޅަށް ދިރާސާކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ދިރާސާތަކަށް އަލިއަޅުއްވައި ކަންކަން ނިންމާނެ ދުވަހަކަށް ވަރަށް އިންތިޒާރުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރިސާޗް އެންޑް އެޑިއުކޭޝަނާއި ބިޒްނަސް އެންޑް އިކޮނޮމީ އަދި ޓެކްނޮލޮޖީ އާއި ހެލްތުގެ އިތުރުން އެންވަޔަރުމެންޓް އެންޑް ސަސްޓެއިނަބިލިޓީ އާއި ޑިމޮކްރެސީ ފަދަ ދާއިރާތައް ހިމެނެ އެވެ.