Roadha Mihaaru
މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް ފުރާވަޑައިގެންފި

މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ރައީސް މުއިއްޒު ފުރާވަޑައިގެންފި

08 ޖޫން 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުރާވަޑައިގެންފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ފުރާވަޑައިގެންފި އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވި ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އަދި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރެއްވީ ޗައިނާ އަށެވެ.

މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ

ރައީސް އޮފީހުން ބުނީ، ބޮޑުވަޒީރު މޯދީ ދެއްވި ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރި ކުރެއްވި ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ، މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދެއްވުމުގައި އިސްކަން ދެއްވީ ސަރަހައްދުގެ ގައުމުތަކަށް ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒަށް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުއިއްޒަށް އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ލީޑަރުންނަށް ދައުވަތު ދެއްވުމުގައި އިސްކަންދިނީ "ނެއިބަހޫޑު ފަސްޓް ޕޮލިސީ" އާއި ސާގަރު" ވިޝަންގެ ދަށުން ކަމަށެވެ.

މޮދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް މުއިއްޒުގެ އިތުރުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގުނޯތާއި ނޭޕާލުގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަލާލު އަދި ބޫޓާނުގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އެ ގައުމުން ފޮނުވީ މިނިސްޓަރެކެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ. މޯދީ ތިން ވަނަ ދައުރަކަށް ހޮވުމާ ގުޅިގެން ބޮޑުވަޒީރު މޮދީ އާއި ރައީސް މުއިއްޒު ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަން ދެއްވީ އެ ގުޅުން ވަރުގަދަ ކުރުމާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ވެފައިވާ ކަމުގެ މައްޗަށެވެ.