Roadha Mihaaru
ކަރަންގެ ފިލްމަކުން ފުރުސަތު ނުލިބޭތީ ފަރީދާގެ އުދާސް

ކަރަންގެ ފިލްމަކުން ފުރުސަތު ނުލިބޭތީ ފަރީދާގެ އުދާސް

16 ޖޫން 2024

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގައި މަންމައެއްގެ ރޯލު ކުޅެފައިވާ ބަތަލާ ފަރީދާ ޖަލާލަށް މިހާރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އެއްވެސް ފިލްމަކުން ފުރުސަތު ނުދޭތީ އޭނާ ފާޑުކިޔައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގައި މަންމައެއްގެ ރޯލު ކުޅެފައިވާ ބަތަލާ ފަރީދާ ޖަލާލަށް މިހާރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އެއްވެސް ފިލްމަކުން ފުރުސަތު ނުދޭތީ އޭނާ ފާޑުކިޔައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ "ބޮލީވުޑް ބަބުލް" އަށް ދިން އިންޓަވިއުއެއްގައި ފަރީދާ ވަނީ ކަރަން އާއި ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ވާހަކަތަކާއި ކަރަންގެ ފިލްމު "ކަލް ހޯނަ ހޯ"ގެ ރޯލެއް ކުޅެން ދެކޮޅު ހަދަން ޖެހުނު ސަބަބު ވެސް ކިޔައިދީފަ އެވެ.

ފަރީދާ ބުނީ ކަރަންގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ޕްރޮޑިއުސަރު ޔަޝް ޖޯހަރްއާ އެކު ގިނަ ދުވަސްތަކެއް ވަންދެން އޭނާ މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ކަރަންގެ ބައްޕަ ބެހެއްޓި ގާތް ކަމާއި އޭނާ އަށް ކުރި އިހުތިރާމް ކަރަންގެ ފަރާތުން ނުފެންނަ ކަމަށް ބުންޏެވެ.

ޖަޔާ ބައްޗަން އާއި ފަރީދާ އެއް އުމުރެއްގެ ރޯލެއް ކަރަންގެ ފިލްމު "ކަބި ހުޝީ ކަބި ގަމް"ގައި ކުޅުނުތަނާ މާ ގިނަ ދުވަސްތަކެއް ނުވަނީސް "ކަލް ހޯ ނަ ހޯ"ގައި ޖަޔާގެ މައިދައިތަގެ ރޯލު ކުޅެން އޭނާ ގާތުގައި ކަރަން އެދުނު ކަމަށް ފަރީދާ ބުންޏެވެ.

އެ ސަބަބަށްޓަކައި އޭނާ އެ ރޯލު ކުޅެން ބޭނުންނުވި އެވެ. އަދި ގަބޫލުކުރީ އެއީ ކަރަން އޭނާ އަށް އިހުތިރާމް ކުޑަކުރީ ކަމަށެވެ.

ފަރީދާ ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކަރަން އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަން އޭނާ އަށް ފާހަގަވާ ކަމަށެވެ.

"މީގެ ކުރިން ކަރަން އަށް އޭނާގެ ފިލްމެއް އަހަންނާއި ނުލައި ނުވެސް ހެދޭ. އެކަމަކު މިހާރު ކަރަން އަށް އޭނާގެ ފިލްމަކުން އަހަންނަށް ދޭނެ ފުރުސަތެއް ނެތް،" އޭނާ ބުންޏެވެ.

އެ ޝޯގައި ފަރީދާ ވަނީ ކަރަންގެ ބައްޕަ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ކަރަންގެ ބައްޕަ އަކީ ޖަވާހިރެއްފަދަ ރަނގަޅު ހިންހެޔޮ މީހެއް ކަމަށް ބުންޏެވެ.

އޭނާ އެންމެ މަސައްކަތް ކުރާހިތްވި، އެންމެ ގަޔާވި ޕްރިޑިއުސަރަކީ ވެސް ޔަޝް ކަމަށް ފަރީދާ ބުންޏެވެ.

ކަރަންގެ ފިލްމުތަކުގެ ތެރެއިން "ދިލްވާލޭ ދުންހަނިޔަ ލޭޖަޔެގޭ"ގައި ފަރީދާ ކުޅުނު ރޯލަކީ އެންމެ ފުރަތަމަ ކަރަންއާ އެކު ކުރި މަސައްކަތެވެ. އޭނާ ބުނި ގޮތުގައި، އެ ފިލްމަށް ފަހު ކަރަން އަކީ ވަރަށް ގާތް މީހެއްގެ ގޮތުގައި ދެކެވުނެވެ.

ކަރަން ޕްރޮޑިއުސް ކުރި ފިލްމުތަކުގެ ތެރެއިން "ކުޗް ކުޗް ހޯތާހޭ"، "ދިލްވާލޭ ދުންހަނިިޔަ ލޭޖާއެގޭ"، "ކަބީ ހުޝީ ކަބީ ގަމް"، "ސްޓޫޑެންޓް އޮފް ދަ އިޔާ 1 އަދި 2" ކަހަލަ މޮޅެތި ފިލްމުތަކުގައި ފަރީދާ ރޯލުތައް ކުޅެފައިވެ އެވެ.