Roadha Mihaaru
މައިކް ޓައިޒަން އިންޑިއާގެ ފިލްމަކަށް

އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން އިންޑިއާގެ ފިލްމަކަށް

28 ސެޕްޓެމްބަރ 2021

އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރަން ނިންމައި، އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރަން ނިންމައި، އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ލައިގާ" އެވެ. މި އެކްޝަން ސްޕޯޓްސް ޑްރާމާގައި ޓައިޒަންގެ ރޯލެއް ވާނެކަން ކަށަވަރުކޮށްދީ ފިލްމުގެ ޓީމުން ވަނީ އޭނާ ވެސް ދައްކުވައިދޭ މޯޝަން ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ. މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރޮކޮންޑާގެ ފުރަތަމަ ހިންދީ ފިލްމެވެ. މީގެ ބަތަލާ އަކީ އަރަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އެވެ.

ޕޫރީ ޖަގަންނަދު ޑައިރެކްޓްކުރާ މި ފިލްމްގައި ޓައިޒަން ފެނިގެން ދާނީ ބޮކްސިން ރިންގްގެ ތެރެއިންނެވެ. އަދި އޭނާ އަކީ ފިލްމުގެ މައި ވިލަން އެވެ. މި ފިލްމަކީ ވިޖޭ ބޮކްސިން ތެޅުންތެރިއެއްގެ ރޯލު ކުޅޭ ފިލްމެކެވެ. އެހެންވެ، މައިގަނޑު ޕްލޮޓް ގުޅެނީ ވެސް ބޮކްސިންއާ އެވެ.

މިއީ އިންޑިއާގެ ފިލްމެއްގައި ޓައިޒަން ބައިވެރިވާ ފުރަތަމަ ފަހަރު ވެސް މެ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އަދި ކާމިޔާބު ބޮކްސިން ތަރިންގެ ތެރޭގައި ހިމެނޭ އަދި "އަޔަން މައިކް" އާއި "ކިޑް ޑައިނަމައިޓް" ފަދަ ނަންތަކުން މަޝްހޫރުވި ޓައިޒަން، 55، ވަނީ 2005 ގައި ޕްރޮފެޝަނަލް ބޮކްސިން އިން ރިޓަޔާކޮށްފަ އެވެ. އެކަމަކު މިހާރު ވެސް އޭނާ އަކީ އެ ކުޅިވަރަށް ހިދުމަތް ކުރަމުން އަންނަ މީހެކެވެ.

ކުރިން މި އަހަރުގެ މި މަހުގެ 9 ގައި ރިލީޒްކުރަން ތާވަލުކުރި "ލައިގާ" އަކީ ކޮވިޑާ ހެދި މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ. ޝޫޓިންގެ ބާކީ ހުރި މަސައްކަތްތައް މި މަހުގެ 15 އިން ފެށިގެން އަލުން ކުރަމުން އަންނަ އިރު، ފިލްމު ރިލީޒް ކުރާނެ އާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު މި ފިލްމަކީ ޓައިޒަންއާ އެކު ބެލުންތެރިން ވަރަށް ބޮޑަށް އިންތުޒާކުރާނެ ފިލްމަކަށް ވާނެ އެވެ. މި ފިލްމުގައި ގެ ކާސްޓްގައި ރޯނިތު ރޯއި، ރާމިއާ ކްރިޝްނަން އަދި މަކްރަންދު ދޭޝްޕާންޑޭ ވެސް ހިމެނެ އެވެ.