Roadha Mihaaru
ބޮލީވުޑްގެ ފަންނާނުންތަކެއް ގެވެށިއަނިޔާއާ ދެކޮޅަށް

ބޮލީވުޑްގެ ފަންނާނުންތަކެއް ގެވެށިއަނިޔާއާ ދެކޮޅަށް

21 އެޕްރީލް 2020

ކޮރޯނާވައިރަހާ އެކު ވަރަށް ގިނަ ގައުމުތަކުން ދަނީ ގެވެށިއަނިޔާ އާއި ނަފުސާނީ މައްސަލަތައް އާންމުންގެ ތެރޭގައި އިތުރުވަމުންދާކަން ފާހަގަކުރަމުންނެވެ. އެހެންވެ މިއީ ކޮވިޑް-19 ކަހަލަ ގޮތް ނޭނގޭ ބައްޔަކާ ދެކޮޅަށް މުޅި ދުނިޔޭގެ ފޯކަސް ހުއްޓިފައިވާ ވަގުތެއްގައި ވެސް ސަމާލުކަންދޭން ޖެހޭ މައްސަލަތަކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ އެކު ވަރަށް ގިނަ ގައުމުތަކުން ދަނީ ގެވެށިއަނިޔާ އާއި ނަފުސާނީ މައްސަލަތައް އާންމުންގެ ތެރޭގައި އިތުރުވަމުންދާކަން ފާހަގަކުރަމުންނެވެ. އެހެންވެ މިއީ ކޮވިޑް-19 ކަހަލަ ގޮތް ނޭނގޭ ބައްޔަކާ ދެކޮޅަށް މުޅި ދުނިޔޭގެ ފޯކަސް ހުއްޓިފައިވާ ވަގުތެއްގައި ވެސް ސަމާލުކަންދޭން ޖެހޭ މައްސަލަތަކެވެ.

ގެވެށިއަނިޔާގެ މައްސަލަތައް ބޮޑު އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނަ އިންޑިއާގައި މިހާރު މި ވަނީ ގެވެށި އަނިޔާއާ ދެކޮޅަށް ހާއްސަ ކެމްޕޭނެއް ފަށައިފަ އެވެ.

އަކްޝަރާ ސެންޓަރު އިސްކޮށް އޮވެގެން ހިންގާ #ލޮކްޑައުންއޮންޑޮމެސްޓިކްވައިލެމްސްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނާ ބޮލީވުޑްގެ ނުފޫޒުގަދަ ބައެއް ފަންނާނުން މިހާރު ވަނީ ގުޅިފަ އެވެ.

އޭގެ ތެރޭގައި މަދޫރީ ޑިކްސިޓާއި އަނުޝްކާ ޝަރުމާ އާއި ވިދިޔާ ބާލަން އާއި ދިއާ މިރްޒާ އާއި ކަރަން ޖޯހަރާއި ފަރުހާން އަޚްތަރާއި ރާހުލް ބޯސް އާއި ނަންދިތާ ދާސް އާއި ސުނިލް ޝެޓީ އާއި ޝަބާނާ އަޒްމީ އާއި ޝްރެޔަސް ތަލްޕަޅޭ އާއި ސޮނާލީ ކުލްކަރްނީ އާއި ސާކްޝީ ތަންވަރު ފަދަ ފަންނާނުން ހިމެނެ އެވެ.

މީގެ އިތުރުން އިންޑިއާގެ ކްރިކެޓް ބައެއް ޝަހުސިއްޔަތުން ވެސް ގެވެށި އަނިޔާގެ ކެމްޕޭނުގައި ހިއްސާވެ އެވެ. އޭގެ ތެރޭގައި ސަޗިން ޓެންޑުލްކަރާއި ވިރާޓް ކޯލީ އާއި ރޯހިތު ޝަރުމާ އާއި މިތާލީ ރާޖް ހިމެނެ އެވެ.

އަކްޝަރާ ސެންޓަރު ކޯ-ޑިރެކްޓަރު ނަންދިތާ ޝާހް ބުނީ ކޮރޯނާވައިރަހާ ދިމާކޮށް އިންޑިއާގައި ލޮކްޑައުން އިއުލާންކުރި ފަހުން ގެވެށިއަނިޔާގެ އެކި ކަހަލަ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މި ދަނޑިވަޅަކީ މިކަމާ ދެކޮޅަށް ވަކިން ހާއްސަކޮށް މަސައްކަތްތަކެއް ނުކޮށްފި ނަމަ، ވަރަށް ގިނަ އިޖުތިމާއީ މައްސަލަތަކެއް ފެންމަތިވެ، ބޮއްސުންލައިގެން ހިނގައިދާނެ ކަމެއް ކަމަށް ބުންޏެވެ.

"އެހެންވެ އެންމެން ގުޅިގެން އެބަޖެހޭ މިކަމާ ދެކޮޅަށް މަސައްކަތްތަކެއް ކުރަން. އަހަރެން ވަރަށް އުފާކުރަން އަހަރެމެންގެ މި އިނިޝިއޭޓިވާ ފިލްމީ ދާއިރާ އާއި ކްރިކެޓްގެ ތަރިން ހިއްސާވާތީ. އެ މީހުންގެ ހިއްސާއާ އެކު ކާމިޔާބު މަސައްކަތްތެއް ކުރެވޭނެ ކަމަށް އުންމީދުކުރަން." އޭނާ ބުންޏެވެ.

ނަންދިތާ ބުނިގޮތުގައި އެންމެ މުހިއްމު އެއް ކަމަކީ ގެވެށި އަނިޔާގެ މައްސަލަތައް ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަމުން ދިއުމެވެ.

"އަހަރެމެންގެ މައިގަނަޑު މަސައްކަތަކަށްވާނެ މިކަމަށް އިތުރަށް ހޭލުންތެރިކަން އުފެއްދުން." މަހަރަޝްތުރާ ސްޓޭޓްގެ ސަރުކާރުގެ ސަޕޯޓް ވެސް ލިބިގެން ހިންގާ ކެމްޕޭނާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ގެވެށިއަނިޔާއާ ދެކޮޅަށް މިހާރު ވަނީ ހާއްސަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އަދި އެ ވީޑިއޯ ވަރަށް ގިނަ ފަންނާނުންގެ ޓްވިޓާ އެކައުންޓްތަކުގައި ހިއްސާކޮށްފައިވެ އެވެ.