Roadha Mihaaru

މަސްވެރިކަމުގެ ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ: ޝިޔާމް

މަސްވެރިކަމުން ބާނާ މަސް ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ނެރޭ ގައުމަށް ރާއްޖެ ވާއިރު އެ ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

"މަސްވެރި ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ"
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

13 ޑިސެމްބަރ 2025

މަސްވެރިކަމުން ބާނާ މަސް ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ނެރޭ ގައުމަށް ރާއްޖެ ވާއިރު އެ ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ.ދުވާފަރުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ޝިޔާމް ވިދާޅުވީ ދޮށީގެ މަސްވެރިކަމުގައި ބާނާ މަހުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ވިއްކާ މަހުގެ 50 ޕަސެންޓަކީ ރާއްޖޭން އެކްސްޕޯޓްކުރާ މަސް ކަމަށެވެ. އެއީ ރާއްޖެއާ އެންމެ ގާތްކުރާ އަދަދަކަށް ދޮށީގެ މަސްވެރިކަންކުރާ ޖަޕާނުން މަސް އެކްސްޕޯޓް ނުކުރާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޖަޕާނުން ބާނާ މަސް ވިއްކަނީ ޑޮމެސްޓިކް މާކެޓަށް، އެހެންވީމާ ޖަޕާނު ނުހިމަނާ ދުނިޔޭގެ ބާޒާރަށް ނެރޭ ދޮށީގެ މަސްވެރިކަމުން ބާނާ މަހުގެ 50 އިންސައްތައަކީ ދިވެހިރާއްޖޭން އެކްޕޯޓްކުރާ މަސް، ދުނިޔޭގެ ބާޒާރަށް މިހާ ގިނަ މަސް ނެރޭ ބަޔަަކަށް ވާތީ އެ ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ އިންޑަސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން ވެސް މިނިސްޓަރު މިރޭ ވަރަށް ތަފްސީިލުކޮށް ވާހަކަ ދެއްކެވި އެވެ. އެއާ އެކު މަސްވެރިކަމުގެ އިންޑަސްޓްރީ ޑައިވާސިފައިކުރުމަށް ކަނޑަަޅާފައިވާ ބައެއް ސިޔާސަތުތައް ވެސް އެ ޖަލްސާގައި އޭނާ ހާމަކުރެއްވި އެވެ.

އޭގެ ތެރޭގައި މެރިކަލްޗާގެ މަސައްކަތާއި މޫދުވިނަ ފަދަ އާ ބާވަތްތައް ކޮމާޝަލް މިންވަރަކަށް އާލާކޮށް ނެގުން ވެސް އެެއީ ކުރިއަރުވާނެ ދާއިރާތައް ކަމަށް ވިދާޅުވި އެވެ.

މަސްދޯނީގެ އާ ޖީލެއް ތައާރަފްކުރާނެ

ރާއްޖޭގެ މަސްވެރި އުޅަނދުތަކުގެ ފްލީޓަށް އާ ޖީލެއްގެ އުޅަނދެއް ތައާރަފްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށާއި އޭގެ ޕްރޮޓޯޓައިޕެއް ވަރަށް އަވަހަށް ބަންނާނެ ކަމަށް ވެސް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ މަހަށް ނުކުމެ އުޅުނު ދޯނިފަހަަރަށް ސަރުކާރުން އެންމެ ފަހުން ބަދަލެއް ތައާރަފްކުރީ 1،990 ގެ އަހަރުތަކުގައި އޭރު ހިންގި އެސްޓީއޯގެ އެފްޕީއައިޑީން ނެރުނު " ސެކަންޑް ޖެނެރޭޝަން "މަސްދޯންޏެވެ. އެފްޕީއައިޑީން އޭރު ހިންގި ބޯޓްޔާޑް ބަނގުރޫޓްވީ ފަހުން މަސްދޯނި ފަހަރަަށް ސަރުކާރުން ގެންނަން އުޅުނު ބަދަލެއް ކާމިޔާބުވެފައެއް ނެތެވެ. އެހެން ނަމަވެސް މިހާރު ހުރި ބާވަތުގެ މަސްދޯނި ފަހަރުގައި ފެންފިނިކުރާ ނިޒާމުތައް ގާއިމްކުރަން މިހާރު ފަށާފައިވާ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް އެބަދެ އެވެ.