ބޮޑުކަންނެލި މަސްވެރިން މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖު، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިނުދެނީސް ނުހުއްޓާނެ ކަމަށް އެ މަސްވެރިން ބުނެފި އެވެ.
13 ޑިސެމްބަރ 2025
ބޮޑުކަންނެލި މަސްވެރިން މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖު، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިނުދެނީސް ނުހުއްޓާނެ ކަމަށް އެ މަސްވެރިން ބުނެފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ މަސްވެރިން ކުރަމުންދަނީ ސިޔާސީ ކަމެއް ކަމަށް ސިފަކުރި ނަމަވެސް، އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މަސްވެރިން ނުކުމެ ތިބީ އެތައް ކަންބޮޑުވުމަކާ އެކު ކަމަށެވެ.
ހަގީގަތު ވެސް ބޮޑުކަންނެލި މަސްވެރިން ތިބީ މަހަށް ނުފެށިފައި ކަމަށާއި އެތައް އާއިލާއެއް ވަނީ ނިކަމެތިވެފައި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ކަންނެލި ގަންނަ ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަޑީގައި ހުންނަވައި، ބޮޑުކަންނެލި މަސްވެރިކަމުގެ އިންޑަސްޓްރީ ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެވެ.
އިމްރާން ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ފައިސާ ދެމުންދާ ކަމަށް ބުނި ނަމަވެސް، ބޮޑުކަންނެލީގެ މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށެވެ. ކަންނެލި ގަންނަ ކުންފުނިތަކުން ފައިސާ ނުލިބި ތިން، ހަތަރު މަސް ވަމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި ހައްލެއް ނުފެންނަނީސް، ދެން މަސްވެރިން ނުފުރާނެ އެވެ.
އިމްރާން ވިދާޅުވީ މަސްވެރިންނަކީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށާއި ސާބިތުކަމާ އެކު އިހުތިޖާޖުގައި ކިތަންމެ ދުވަހެއްވީ ނަމަވެސް ތިބޭނެ ކަމަށެވެ. އިހުތިޖާޖު ހުއްޓާލާނީ، އިމްރާން ވިދާޅުވި ގޮތުގައި މިނިސްޓަރު ވަޑައިގެން، ހައްލުތަކެއް ހޯދައިދިނުމުންނެވެ. އަދި އެކަން މިނިސްޓަރަށް ވެސް ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިނިސްޓަރަށް ދަންނަވާނީ އަވަހަށް ވަޑައިގަންނަވާށޭ މިތަނަށް. މަސްވެރިންނޭ މި ތިބީ. މިއީ އެހެން ބައެއް ނޫނޭ. މިއީ ހާލުގައި ޖެހިފައި ތިބި މަސްވެރިންނޭ. އުފާވެފައި ތިބި މަސްވެރިން ކައިރިއަށް ގޮސް އަދި ނަށަން ހުއްޓަކަސް އަދި ނުވޭނޭ. ހާލުގައި ޖެހިފައި ތިބި މަސްވެރިންގެ ހާލު ބަލައި އެމީހުންނަށް ހޯދައިދެވެން އޮތް ހައްލެއް ހޯދައިދޭށޭ އަޅުގަނޑު ދަންނަވާނީ،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމް މިވަގުތު ހުންނެވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކަށް ރ. ދުވާފަރަށް ވަޑައިގެންނެވެ.
މަސްވެރިންގެ ދުވަހު ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާލުން ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް އޭގެ އަނެއް ދުވަހު ފުލުހުން އެ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނެ އެވެ.
ހައްޔަރުކުރި މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އިހުތިޖާޖު ރޫލާލުމުގެ ގޮތުން ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އަދި އިހުތިޖާޖުގައި ބައިވެރިވި ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި ކަންނެލި ގަންނަ އަގު 80ރ. އާއި 100ރ. އާ ދެމެދުގައި ހިފެހެއްޓުމަށާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމަށެވެ. އެއީ ސަރުކާރުން އެ މަސްވެރިންނަށް ވެފައިވާ ވައުދެކެވެ.
ބޮޑުކަންނެލީގެ މަސްވެރިން މިހާރު އިހުތިޖާޖު ކުރަމުންދަނީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގަ އެވެ.
ބޮޑުކަންނެލީގެ މަސްވެރިންނާ އެކު ދިގު ބައްދަލުުވުމެއް
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
"މަސްވެރި ބާޒާރުގައި ރާއްޖެއަށް ބާރެއް އޮންނަން ޖެހޭ"
އިހުތިޖާޖުރޫޅާލައި މީހުން ހައްޔަރުކުރުމުން އައިއެލްއޯއަށް
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
މެމްބަރު މައުރޫފް ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ފުލުހުން ދޯނިތައް ގެންގޮސް، މުޒާހަރާ ރޫޅާލައިފި
ވައުދާ އެއްގޮތަށް 900 މިލިއަން ދޫކޮށްފި: މިނިސްޓަރު
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ