Roadha Mihaaru
ޒުވާނުންގެ ސިޔާސަތު ބަދަލެއް ނުކުރާނަން: ރައީސް

ޒުވާނުންގެ ސިޔާސަތު ބަދަލެއް ނުކުރާނަން: ރައީސް

27 އޯގަސްޓް 2024

މި ސަރުކާރުން ޒުވާނުން ބާރުވެރިކޮށް އިގްތިސާދީ ގޮތުން ބާރުވެރިކުރުވަން ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ސަރުކާރުން ޒުވާނުން ބާރުވެރިކޮށް އިގްތިސާދީ ގޮތުން ބާރުވެރިކުރުވަން ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއްބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުން ބާރުވެރިކޮށް، އިގްތިސާދީ ފުއްދުންތެރިކަން ހޯދައިދޭން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ޒުވާނުންނަށް ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޒުވާނުންނަކީ އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ އިސްކަންދޭ އެއް ފަރާތް. އަމަލީ ގޮތުން ސަރުކާރުގެ ސިޔާސަތު އޮންނާނެ އެކަމަށް. ޒުވާނުންނަށް މިއޮތް ސިޔާސަތު އަޅުގަނޑުމެން ބަދަލެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޒުވާނުންނާ ގުޅުވައި ދޮގު ޚަބަރުތައް ދަނީ ފަތުރަމުންނެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން: އެމަނިކުފާނު ވިދާޅުވީ ޑްރަގު ޑީލަރުންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަަމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން: އެމަނިކުފާނު ވިދާޅުވީ ޑްރަގު ޑީލަރުންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަަމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒު ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވަން މަސައްކަތް ކުރާއިރު ޑްރަގު ޑީލަރުންނާއި ޑްރަގުގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހުން މުޖުތަމައު ހަލާކުކޮށްލުމަށް އެއްގޮތަކަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އޭގެ ތެރޭގައި އެއްގޮތަކަށް ވެސް އިސްލާހު ނުވެ، މުޖުތަމައަށް ފައިދާވާ ބަޔަކަށް ބަދަލުވާން ބޭނުން ނުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނަން،" ރައީސް ވިދާޅުވި އެވެ.

ޑްރަގުގެ ވިޔަފާރީގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއިރު އެ މަނިކުފާނު ވަނީ ކުރިން ޑްރަގުގެ ތެރޭގައި އުޅުނު އެކަމަކު މިހާރު އިސްލާހުވެފައިވާ މީހުންނަށް ފިޔަަވަޅު އޭގެ ބިރު ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އެންމެން ގުޅިގެން ޑްރަގުގެ ވަބާ އިން ރާއްޖެ ސަލާމަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ކަނޑައަޅައި، އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމަނައިފަ އެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހަރުކަށި ބިލުގައި ވަނީ ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުންގެ ނަންތަކާއި ފޮޓޯ ވެސް އާންމުކުރަންޖެހޭ ގޮތަށް ހިމަނައިފަ އެވެ.