Roadha Mihaaru
މަޝްރޫއުތައް ހުއްޓާލި ތުހުމަތުގެ ޖަވާބު ތަފާސްހިސާބުން

މަޝްރޫއުތައް ހުއްޓާލި ތުހުމަތުތަކަށް ރައީސް ޖަވާބު ދެއްވީ ތަފާސްހިސާބުން

03 އެޕްރީލް 2024

ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތަކަށް ދޮގު ކުރައްވައި އެ ކަމަށް އެ މަނިކުފާނު މިރޭ ރައްދު ދެއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީ ސަރުކާރުން ހިންގި މަޝްރޫއުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތަކަށް ދޮގު ކުރައްވައި އެ ކަމަށް އެ މަނިކުފާނު މިރޭ ރައްދު ދެއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލިސް އިންތިހާބަށް ވާދަކުރައްވައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިޔާ ފްލެޓް ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދަނިކޮށް ހުއްޓާލީ ކަމަށް ބުނެ ދޮގު ފަތުރަމުންދާ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވަނީ ކަމުގެ ހަގީގަތް އަދަދުތަކުން ސާފު ކޮށްދެއްވައިފަ އެވެ.

ރައީސް ވިދާޅުވީ ކެމްޕޭނު ދުވަސްވަރު ރަށްރަށަށް ދަތުރުކުރެއްވިއިރު ވެސް އޭރުގެ ސަރުކާރުގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އެހެންވެ ވެރިކަމާ ހަވާލުވެވަޑައިގެން، އެ މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ހޯއްދެވިއިރު، އެ މަޝްރޫއުތައް ހުއްޓިފައި އޮތީ ފައިސާ ނުދީގެން ކަން ސާފުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"9000 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު، ރައްޔިތުންގެ ކުންފުނިތަކަށް. އެ ފައިސާ ނުދީ ހުރީމަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިޔާ ސަރަހައްދުގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިޔާ ސަރަހައްދުގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމަކު ކުންފުނިތަކަށް ނުދީ ހުރި ފައިސާ މި ސަރުކާރުން ދީގެން ގިނަ މަސައްކަތްތަކެއް މިހާރު އަލުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫއުތަކުގެ ތަފްސީލު:

- ފެނާއި ނަރުދަމާ - 27 މަޝްރޫއު ހުއްޓިފައި.

- ބަނދަރު ހެދުމާއި ބިން ހިއްކުމާއި އެއްގަމު ތޮށިލުން - 30 ރަށެއްގެ މަސައްކަތް ހުއްޓިފައި.

- އެއާޕޯޓު މަސައްކަތް ހަތް ރަށެއްގައި ހުއްޓިފައި.

- 17 ރަށެއްގެ މަގު ހެދުން އޮތީ ހުއްޓިފައި.

- 84 ރަށުގެ ދަނޑު ހެދުމާއި ކޯޓުތައް ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތް.

- 20 މިސްކިތެއްގެ މަސައްކަތް ހުއްޓިފައި.

- ތައުލީމީ ދާއިރާގެ 90 މަޝްރޫއު އޮތީ ހުއްޓިފައި.

މިހާރު ކުރިއަށްދާ މަޝްރޫއުތައް

- ފެނާއި ނަރުދަމާގެ 74 މަޝްރޫއު ކުރިއަށް އެބަދޭ.

- ބަނދަރު ހެދުމާއި ބިން ހިއްކުން އަދި ބޭރު ތޮށިލުމުގެ 90 މަޝްރޫއު.

- ހުއްޓިފައި އޮތް އެއާޕޯޓު ހެދުމުގެ ހަތް މަޝްރޫއު އަލުން މަސައްކަތް ފެށުން.

- 26 ރަށެއްގައި މަގު ހެދުމުގެ މަޝްރޫއު ކުރިއަށް އެބަދޭ.

- 71 ދަނޑާއި ކޯޓުގެ މަސައްކަތް އެބަ ކުރިއަށްދޭ، އޭގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ނިމިފައި. މިހާރު 48 ރަށުގެ މަސައްކަތް ކުރިއަށް އެބަދޭ.

- ހުއްޓިފައި އޮތް 20 މިސްކިތަކާ އެކު ޖުމްލަ 42 މިސްކިތުގެ މަސައްކަތް ކުރިއަށް އެބަދޭ.

- ތައުލީމީ ދާއިރާގެ 217 މަޝްރޫއު ކުރިއަށް އެބަދޭ

- 20 ރަށެއްގެ 20 މެގަވޮޓްގެ ސޯލާ ޕަވާ ޕްރޮޖެކްޓް

- 19 ރަށެއްގައި ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކުރުން

- 45 ރަށެއްގައި ކުނި މެނޭޖްކުރުމަށް ތަކެތި ސަޕްލައި ކުރަން ހަވާލުކޮށްފައި.

ރައީސް ވިދާޅުވި ގޮތުގައި ގެދޮވެރިކަމުގެ ދާއިރާގެ 11 މަޝްރޫއާ އެކު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 527 މަޝްރޫއު އެބަ ކުރިއަށް ދެ އެވެ. އަދި ތިމާވެށީގެ ދާއިރާ އިން ވެސް މުޅިން އަލަށް މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިޔާ ސަރަހައްދުގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިޔާ ސަރަހައްދުގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައީސް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ 75 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ޕްރޮޖެކްޓެއްގައި އޭޑީބީއާ އެކު ސޮއިކޮށްފައި ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ފެނާއި ވަޔާއި ސޯލާ ޕެނަލް ބޭނުންކޮށްގެން އެކި ކަހަލަ މަޝްރޫއުތައް ހިންގާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެހާ ތަފްސީލުކޮށް އެ މައުލޫމާތު ހިއްސާކުރަން ޖެހުނީ ބަޔަކު މީހުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެވެ.

"އަޅުގަނޑުމެން ހުރިހާ ކަމެއް ހުއްޓާލީއޭ. މަސައްކަތެއް ނުކުރެއޭ. ތިމަންނަމެންނާ އަނެއްކާ ވެސް މަޖިލިސް ހަވާލުކުރީމައޭ މަސައްކަތް ކުރެވޭނީ. މި ވާހަކަތައް ރައްޔިތުން ކުރިމައްޗަށް ގެނައިމަ ސިޔާސީ ވިސްނުމުން ގޮސް އެއްކޮށް ފޯވެގެން ގޮސް ވަކި އަހަތަކަށް ގޮސް ހުސްވެފައި ހުރި މީހާ ވެސް ވިސްނާލަން ޖެހޭނެ ތިމަންނައަކީ ﷲ ދެއްވި ސިކުނޑިއެއް ހުރި މީހެކޭ މިއީ،" ރައީސް ވިދާޅުވި އެވެ.

"މި ނަމްބަރުތައް ދޮގެއް ނުހަދާނެ. މިއީ ފެންނަން ހުރި ކަންކަން."

ރައީސް ވަނީ ބަޔަކު މީހުން ދޮގު ފެތުރިޔަސް އެކަމާ މެދު ރައްޔިތުން ފުންކޮށް ވިސްނަން އެދިވަޑައިގެންފަ އެވެ. އަދި މިވަގުތު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީއަށް އޮތް ނަމަވެސް ކުރެވުނު މަސައްކަތެއް ނެތް ކަމަށާއި ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދުކޮށްފި ނަމަ، ނަތީޖާ ނެރެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.