Roadha Mihaaru
މާލޭގެ މިސްކިތްތައް ސީސީޓީވީން ގުޅާލަން ނިންމައިފި

މާލޭގެ މިސްކިތްތައް ސީސީޓީވީ ނެޓްވޯކަކުން ގުޅާލަން ނިންމައިފި

13 އޯގަސްޓް 2021

މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް، މިސްކިތްތައް ނެޓްވޯކަކުން ގުޅައިލަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް، މިސްކިތްތައް ނެޓްވޯކަކުން ގުޅައިލަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާފަންނުގެ މީހުންނަށް ހާއްސަކޮށް ބޭއްވި އަވަށު ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސީސީޓީވީ ނެޓްވޯކުން މިސްކިތްތައް ގުޅައިލަން ނިންމީ މުޅި މާލެ ސީސީޓީވީން ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް، އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުންނެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލަރުންގެ ބައްދަލުވުމުގައި ވަނީ އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިސްކިތްތަކުގައި ކެމެރާ ހަރުކުރުމާ މެދު ފުލުހުންނާ އެކު ވެސް މަޝްވަރާ ކުރަން ފަށާފައިވާ ކަމަށާއި ކެމެރާ ހަރުކުރަން އެންމެ ރަނގަޅު ތަންތަނާއި ބޭނުންކުރާނެ ކެމެރާގެ ބާވަތް ދެނެގަތުމުގެ ސާވޭ ވެސް ކޮށްފައިވާ ކަމަށެވެ.

މާފަންނުގެ މީހުންގެ ހިޔާލު ހޯދަން ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާފަންނުގެ މީހުންގެ ހިޔާލު ހޯދަން ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ޕޮލިސްގެ އެހީތެރިކަމާ ވެސް އެކީގައި މުޅި މާލޭގައި ހުރި 40 އަކަށް މިސްކިތް ސާވޭ ކުރެވި ކޮންމެ މިސްކިތެއްގައި ކެމެރާ ހަރުކުރާނެ ތަންތަނާއި ހަރުކުރާނެ ބާވަތާއި މި ހުރިހާ ކަމެއް ވަނީ ބެލި އަންދާޒާ ކުރެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ވީހާ ވެސް އަވަހަކަށް ފައްޓަވާނެ ކަމަށް މޭޔަރު ވިދާޅުވިޔަސް ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.

"މިދިޔަ ދުވަސްތަކުގައި ފެނިގެން ހިނގައްޖެ ޑްރަގް ބޭނުންކުރާ ކުދިން އެތަން ނޭދެވޭ ގޮތުގަައި ބޭނުންކުރާ ތަން. އަދި ކޮންމެވެސް މިސްކިތެއްގައި އެހެން ދީނެއްގެ މީހެއް އަޅުކަން ކުރަމުންދާ ތަން ވެސް ފެނިއްޖެ. މި ކަހަލަ ކަންކަމަކީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންވާ ކަހަލަ ކަންކަމެއް ނޫން،" ދާދި ފަހުން މާލޭގެ ބައެއް މިސްކިތްތަކުގެ ތެރެއިން ފެނިފައިވާ ނޭދެވޭ ކަންކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.