Roadha Mihaaru
ޖަންގް ކީ-ޔޮންގް ހިންދީ ފިލްމު ކުޅެން ބޭނުންވޭ

ޖަންގް ކީ-ޔޮންގް ހިންދީ ފިލްމު ކުޅެން ބޭނުންވޭ

25 ޖޫން 2024

ދެކުނު ކޮރެއާގެ އެކްޓަރު ޖަންގް ކީ-ޔޮންގް ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދެކުނު ކޮރެއާގެ އެކްޓަރު ޖަންގް ކީ-ޔޮންގް ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

މިހާރު ނެޓްފްލިކްސްގައި ވަރަށް ކާމިޔާބު ކަމާއެކު ސްޓްރީމްކުރަމުން ގެންދާ ކޮރެއަން ސީރީޒް "ދަ އެޓިޕިކަލް ފެމިލީ" އިން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު އަނބުރާ ސްކްރީނަށް އައީ ދެކުނު ކޮރެއާގައި ޒުވާން ފިރިހެނުން ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަ ކުރުމަށް ފަހު އެވެ.

ފުރުސަތު ލިބިއްޖެ ނަމަ، ބޮލީވުޑްގެ ފިލްމެއް ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނީ އިންޑިއާގެ ނޫހެއް ކަމަށްވަ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގަ އެވެ.

ކީ-ޔޮންގް ބުނީ އޭނާ އަށް ބޮލީވުޑްގެ ފިލްމުތައް ވަރަށް ކަމުދާ ކަަމަށެވެ.

އޭނާ ބުނީ އަސްކަރީ ތަމްރީނުގައި އުޅުނު ދުވަސްވަރު ވެސް އޭނާ އެންމެ ބޮޑަށް ވިސްނީ ފިލްމީ ދާއިރާ އަށް އެނބުރި އައިސް ކުރާނެ އާ ކަންތައްތަކާ މެދުގައި ކަމަށެވެ.

ސައިންސްފިކްޝަން ސީރީޒް "ދަ އެޓިޕިކަލް ފެމިލީ"ގައި ޖަންގް ކީ-ޔޮންގް ކުޅެފައި ވަނީ ކުރީގެ ފަޔާފައިޓަރެއްގެ ރޯލެވެ. އަދި އެކަނިވެރި ބައްޕައެއްގެ ރޯލެވެ. އޭނާ އަކީ ޓައިމްޓްރެވަލް ކުރުމުގެ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ މީހެކެވެ.

ކީ-ޔޮންގް ގަބޫލުކުރާ ގޮތުގައި، މިއީ ކޮރެއާގެ މުނިފޫހިފިލުވުމުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ވަގުތެކެވެ.

"އެކްޓަރެއްގެ ގޮތުގައި އަހަރެމެންނަށް ލިބޭ ތަފާތު ޕްލެޓްފޯމްތައް. މުޅި ދުނިޔެ ވެސް މިހާރު އަހަރެމެން ބަލައިގަނެ. އަހަރެން މިހާރު ބުރަކޮށް މަސައްކަތް ކުރާ އެއް ސަބަބަކީ އެއީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައިި، ބޮލީވުޑް ފިލްމު "ތުރީ އިޑިއަޓްސް"، "މައި ނޭމް އިޒް ހާން"، "ބްލެކް" އަދި "އާރުއާރުއާރު" ކަހަލަ ފިލްމުތަކަށް ކޮރެއާގައި މަގުބޫލުކަން އޮވެ އެވެ. އަދި ކޮރެއާގެ ކޮންޓެންޓް ބޭނުންކުރާ އިންޑިއާ މީހުންގެ ނިސްބަތް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.