Roadha Mihaaru
އީދަށް މާފުއްޓަށް ގެންދިޔަ ހުރިހާ ރަލެއް އަތުލައިގަތް

އީދާ ދިމާކޮށް މާފުއްޓަށް އަރުވަން އުޅުނު ހުރިހާ ރަލެއް ހިފެހެއްޓި: އިހުސާން

25 ޖޫން 2024

މިދިޔަ ބޮޑު އީދާ ދިމާކޮށް ކ. މާފުއްޓަށް އަރުވަން އުޅުނު ހުރިހާ ބަނގުރަލެއް ފުލުހުން ހިފަހައްޓާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ބޮޑު އީދާ ދިމާކޮށް ކ. މާފުއްޓަށް އަރުވަން އުޅުނު ހުރިހާ ބަނގުރަލެއް ފުލުހުން ހިފަހައްޓާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެކުރުން ހުއްޓުވުމަށް ހާއްސަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. މާލެ އަށް އާންމުކޮށް ބަނގުރާ އެތެރެކުރަނީ ހުޅުމާލެ ފަޅުގައި އޮންނަ ސަފާރީތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމްސް އިން ސަފާރީ އުޅަނދަށް ނަގާ ބަނގުރާ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި ތިބޭ ވެސަލްތަކުންނާއި އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ފަޅު ބޭރުގައި އަޅާފައި ތިބޭ ވެސަލްތަކުން މި ބޭރުކޮށްލަނީ،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މިކަން ހުއްޓުވަން ދެ ކަމެއް އަންނަނީ ކުރަމުންނެވެ. އެއީ ކަސްޓަމްސް މެދުވެރިކޮށް ސަފާރީތައް އޮޑިޓްކުރުމާއި ސަފާރީތައް ބަލައިފާސްކުރުމެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ އޮޑިޓްތަކުން ފެއިލްވެފައިވާ ސަފާރީތަކުގެ ހުއްދަތައް ބާތިލްކުރަން ޓްރޭޑް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވަމުންދާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"އެ ބޭފުޅުން ދައްކާ ޓެކްސްއާ ނުބައްދަލު އަދަދަކަށް ރާ އެބަ ގެންދޭ [ސަފާރީތަކަށް]. އޭގައި މީހުން ތިބޭ އަދަދާއި ނުބައްދަލު އަދަދަކަށް ރާ އެބަ ގެންދޭ. އެހެންވީމަ މިއީ މިހާރު ދައުލަތަށް އެނގޭ ކަމެއް، މިހާރު އެ ދަނީ ފިޔަވަޅު އެޅެމުން،" އޭނާ ވިދާޅުވި އެވެ.

"މާފުއްޓަށް، މި އީދާ ދިމާކޮށް އަރުވަން އުޅުނު ހުރިހާ ރަލެއް އަޅުގަނޑުމެން ވާނީ އިންޓަސެޕްޓުކޮށްފައި، ސަފާރީގައި ހުރި ހުރިހާ ރަލެއް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ނަގައިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އެއީ ކިހާ އަދަދެއްގެ ރަލެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް 150 މިލިއަން ރުފިޔާ މަސްތުވާތަކެތި ހިފަހައްޓާފައިވެ އެވެ. އޭގެ ތެރޭގައި، ބަނގުރާ ވެސް ހިމެނެ އެވެ.

ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ އެތެރެކުރުން ހުއްޓުވުމަށް ދާއިމީ ހައްލެއް ހޯދުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިނިސްޓްރީން މަޖިލީހަށް ހުށަހަޅާ ބިލުތަކުގައި އެ ބައިތައް ވެސް ހިމެނޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.