Roadha Mihaaru
ބަކާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި

ބަކާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި

26 ޖޫން 2024

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ކަށުނަމާދު މިރޭ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ކަށުނަމާދު މިރޭ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި އެވެ.

ހައްޖުގެ އަޅުކަމަށް ފަހު މާލެ އައިތަނުން ހާލު ސީރިއަސްވެ ފަރުވާ ދެނިކޮށް މިއަދު ނިޔާވި ބަކާގެ ޖަނާޒާ ބާއްވަން ކުރިން ނިންމާފައި އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މީގެ އިރުކޮޅެއް ކުރިން، ފޭސްބުކްގައި ލިއުއްވި ގޮތުގައި ބަކާގެ ޖަނާޒާ އިސްލާމީ މަރުކަޒުގައި ބާއްވަން އިންތިޒާމްތައް އަންނަނީ ހަމަޖައްސަމުންނެވެ.

ބަކާ ވަޅުލަން ނިންމާފައި ވަނީ ގަލޮޅު ސަހަރާގަ އެވެ.

އޭނާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އެވެ.

މިއީ، އާންމު ގޮތެއްގައި, ބެކްޓީރީއަލް އިންފެކްޝަނަކުން ސިކުންޑި އާއި ސްޕައިނަލް ކޯޑުގެ މެމްބްރެއިން އަށް ޖެހޭ ބައްޔެކެވެ. އެކަމަކު ވައިރަލް ނުވަތަ ފަންގަލް އިންފެކްޝަނުން ވެސް ބަލި ޖެހިދާނެ އެވެ.

މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.