Roadha Mihaaru
ދެމާރުކޭޓު ރެއިޑްކުރިއިރު ގިނައީ ގަވާއިދާ ހިލާފު މީހުން

މާލޭގައި ހިންގާ ދެ މާރުކޭޓެއް ރެއިޑް ކުރިއިރު ގިނަ ބިދޭސީން ގަވާއިދާ ހިލާފު، ގޮޅިތައް ބަންދު!

29 ޖޫން 2024

މާލޭގައި ބިދޭސީން އަޑީގައި ތިބެގެން ހިންގާ ދެ މާރުކޭޓެއްގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިރޭ ގެންދިއުމުން އެ ދެ މާރުކޭޓުގެ ގިނަ ގޮޅިތައް ހުއްޓިއްޖެ އެވެ.

މާލޭގައި ބިދޭސީން އަޑީގައި ތިބެގެން ހިންގާ ދެ މާރުކޭޓެއްގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިރޭ ގެންދިއުމުން އެ ދެ މާރުކޭޓުގެ ގިނަ ގޮޅިތައް ހުއްޓިއްޖެ އެވެ.

އިމިގްރޭޝަންގެ އިސްނެގުމަށް ފުލުހުންނާ ގުޅިގެން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި މިރޭ ވަނީ މަޖީދީ މަގުން ވިލާ މާޓު ކައިރީގައި ހުންނަ މާރުކޭޓާއި އަމީނީ މަގުން ޓީވީއެމް ކައިރީގައި ހިންގާ މާރުކޭޓު ރެއިޑްކޮށް ބައެއް ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

މަޖީދީ މަގުގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބި ގާތްގަނޑަކަށް ހުރިހާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ މާރުކޭޓު ވަނީ ބަންދުކުރަން ޖެހިފަ އެވެ. އެއީ އެ ގޮޅިތައް ހިންގާނެ މީހަކު ނެތުމުންނެވެ.

އަމީނީ މަގުގެ މާރުކޭޓެ ރެއިޑްކޮށް، އެންމެ ގޮޅިއެއް ފިޔަވައި އެހެން ހުރިހާ ގޮޅިއެއްގައި ތިބޭ ބިދޭސީން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެ މާރުކޭޓަށް ވަންނަ މައި ގޭޓު ކައިރީގައި ހުންނަ ގޮޅީގައި މިރޭ ހުރީ ދިވެއްސެކެވެ. އެނގިފައިވާ ގޮތުގައި އެއީ އެ ގޮޅީގެ ވެރިޔާ އެވެ. އެހެންވެ، އެ ގޮޅި ވަނީ އޮޕަރޭޝަންގެ "ރާޑަރުން" ސަލާމަތް ވެފަ އެވެ.

މަޖީދީ މަގު މާރުކޭޓު ކައިރީގައި ހުރި މީހަކު ބުނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެ ތަނުގެ ބިދޭސީން ގެންދިޔައީ ލިޔެކިޔުންތައް ނެތުމުން ގަވާއިދާ ހިލާފު ވެފައިވާތީ ކަމަށެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބޭ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭތީ، އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން ގޮޅިތައް ބަންދު ކޮށްފައި.---ފޮޓޯ: މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބޭ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭތީ، އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން ގޮޅިތައް ބަންދު ކޮށްފައި.---ފޮޓޯ: މިހާރު

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ގާނޫނީ ފިޔަވަޅު އަޅަން މިއަދު ހިންގި އޮޕަރޭޝަންގައި 50 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަން މިއަދު ހިންގާފައި ވަނީ ލޯކަލް މާރުކޭޓާއި މާލެތެރޭގައި ހިންގާ މާރުކޭޓުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި،" ފުލުހުން ބުންޏެވެ.

ސޭޓުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާކަމަކަށް ވިޔަސް އެއީ ބިދޭސީން ރާއްޖޭގައި ފާޅުގައި ހިންގާ ކަމެކެވެ. ބައެއް ހޮޓާތަކާއި ރެސްޓޯރަންޓް އަދި މާލޭގެ ލޯކަލް މާރުކޭޓައި އެހެން މާރުކޭޓުތަކުގައި ފައިސާ ބަލައިގަންނަން އަދިވެސް ވަރަށް ގިނަ އަދަދަކަށް ބިދޭސީން އެބަތިއްބެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ފަހަކަށް އައިސް ގިނަ އޮޕަރޭޝަންތަކެއް ހިންގައި ބައެއް މީހުން ވަނީ ރާއްޖެ އިން ފޮނުވާލައިފަ އެވެ.