Roadha Mihaaru
4 ތަނެއް ފާސްކޮށް 16 ބިދޭސީން އަތުލައިގެންފި

މާލޭގެ ހަތަރު ތަނެއް ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ 16 ބިދޭސީން އަތުލައިގެންފި

26 ޖުލައި 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން މިހާރު ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި ރޭ ވެސް 16 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން މިހާރު ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި ރޭ ވެސް 16 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ 16 މީހުން އަތުލައިގަތީ މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އެންމެންނަކީ ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކޮންމެ ދުވަހަކު ވެސް މިހާރު އަންނީ މިފަދަ ރެއިޑް އޮޕަރޭޝަންތައް ހިންގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަމުންނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މި ފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 130 އެއްހާ ބިދޭސީން ވަނީ އަތުލައިގެންފަ އެވެ. އެ އެންމެން ވެސް ޑީޕޯޓްކުރާ މީހުންގެ ލިސްޓުގައި ހިމަނައި މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގައި އެ މީހުން އުސޫލުން ބޭރުން ހިންގާ ވިޔަފާރިތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ފޯކަސް ކޮށްފަ އެވެ. ހާއްސަކޮށް ބިދޭސީ ސޭޓުންނާއި ވިޔަފާރި ހިންގާ ގިނަ ބިދޭސީންތަކެއް މި ފަހުން ވަނީ އަތުލައިގެންފަ އެވެ.

ހޯމް މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ފާއިތުވި ހަތް މަސް ތެރޭގައި 2،013 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.

ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ. އިިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ބަލައި ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ފައްތާނެ އެވެ. އޮޕަރޭޝަނުގައި ބައެއް ތަންތަން ބެލުމަށް މިފަހަރު ހުއްޓާނުލާނެ ކަމަށް ވެސް އެތަނުން ވަނީ ބުނެފަ އެވެ.