Roadha Mihaaru
އާސަންދައިން އައިވީއެފް ހަދަން 37 މީހަކަށް އެހީ

އާސަންދައިން އައިވީއެފް ހަދަން ފުރަތަމަ ބުރުގައި ޝަރުތު ހަމަވި 37 މީހުން ކަނޑައަޅައިފި

02 ޖުލައި 2024

ސަރުކާރުގެ ހަރަދުގައި، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން އަލަށް ހުޅުވާލި ފުރަތަމަ ބުރުގައި، އެދުނު 153 މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކު ކަނޑައަޅައި އެހީ ދޭން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސަރުކާރުގެ ހަރަދުގައި، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން އަލަށް ހުޅުވާލި ފުރަތަމަ ބުރުގައި، އެދުނު 153 މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކު ކަނޑައަޅައި އެހީ ދޭން ނިންމައިފި އެވެ.

އެތައް އާއިލާއަކަަށް ދިމާވެފައިވާ ދަރިން ނުލިބުމުގެ ހިތްދަތި މައްސަލައަށް އެހީވުމުގެ ގޮތުން، މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.

އެންސްޕާއިން މިއަދު ނެރުނު އިއުލާންގައި ބުނީ، މުއްދަތު ހަމަވިއިރު އެހީއަށް އެދި 153 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ކަނޑައެޅި ޝަރުތުހަމަވީ 37 މީހުން ކަމަށާއި ފުރަތަމަ ބުރުގައި އެ މީހުންނަށް އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.

ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ މީހުންނަށް މި މަހުގެ 30ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.

އަދި މިހާރު ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައި ނުވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

އެންސްޕާ އިން ބުނި ގޮތުގައި އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ހާލަތުބަދަލުވެފައިވާ މީހުންނަށް ވެސް މި މަހުގެ ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެންސްޕާއިން ބުންޏެވެ.

މި އަހަރު އައިވީއެފް ހެދުމަށް ފުރުސަތު ދޭން ނިންމާފައި ވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ.

އެންސްޕާއިން ބުނި ގޮތުގައި، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފްގެ ފަރުވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ހެދޭނެ އެވެ.