Roadha Mihaaru
އެންޑީއޭގެ ސީއީއޯގެ މަގާމުން އިމާދު ވަކިކޮށްފި

އެންޑީއޭގެ ސީއީއޯގެ މަގާމުން އިމާދު ވަކިކޮށްފި

05 ޖުލައި 2024

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހް އެ މަގާމުން ވަކިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހް އެ މަގާމުން ވަކިކޮށްފި އެވެ.

އިމާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ ސަރުކާރުގައި، އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ނޮވެމްބަރު 1، 2022 ގަ އެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ އެ އަހަރު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ވެސް ކޮށްފަ އެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭ ބޯޑުގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން "މިހާރު" އަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި އެންޑީއޭގެ ފުރަތަމަ ބޯޑު ބައްދަލުވުމަށް ވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުން އިމާދު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމީ އެންޑީއޭގެ އެސެސްމަންޓެއް ހެދުމަށް ފަހު އޭގެ ނަތީޖާއަށް ބަލާފައި ކަމަށެވެ.

"އެ އެސެސްމެންޓް އޮޑިޓަށް ބިނާކޮށް އަދި ސަރުކާރުގެ ސިޔާސަތު ދަމަހައްޓަން ކުރެވިފައި ހުރި މަސައްކަތްތަކާއި ނުކޮށް ހުރި މަސައްކަތްތައް އިވެލުއޭޓް ކުރުމަށްފަހު އަދި ސަރުކާރު ގެންދަން ބޭނުންވާ ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދިއުމާއި ޑްރަގް ފަރުވާ ނަގާ މީހުންނަށް ފަރުވާ ނުލިބި ލަސްވާ މައްސަލަ އާއި މިކަހަލަ ބައިވަރު ކަންކަމަށް ބަލައި ވަކިކުރަން ނިންމީ،" ލުބްނާ ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ޕެންޑިން މަސައްކަތްތައް ގިނަވުމާއި ފަރުވާ ދިނުން ލަސްވުން ފަދަ ކަންކަން ހިމެނޭ. އެންޑީގެ މަސައްކަތްތަކަށް ބަލާއިރު އެ ސްޕީޑުގައި ނުދިއުމާއި އަޅުގަނޑުމެން ބޭނުންވާ މީހުން [ޑްރަގް ފަރުވާ ނަގަން ޖެހޭ މީހުން] ފަރުވާ އަށް މީހުންނަށް ދެވޭނެ ގޮތްތައް ނެތުން ފަދަ ކަންކަން ހިމެނޭ."

އޭނާ ވިދާޅުވީ މިއީ ޑްރަގް ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާގެ ފުރުސަތުތައް އަވަސްކުރުމާއި އެންޑީއޭ ކުރިއަރުވަން މަގުފަހި ކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެންޑީއޭގެ ހިންގުން ބޮއްސުންލައިގެން ދިއުމުން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެތަނުގެ މައްސަލަތަކެއް ބަލައިފަ އެވެ.

އެންޑީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތް ކުރުމެވެ. އެކަމަކު އެ މަސައްކަތުގައި އެންޑީއޭ ފެއިލްވެފައިވާ ކަމަށް، އެހީ ބޭނުންވާ މީހުންނާއި އާންމުން އަބަދުވެސް ބުނެ އެވެ.