Roadha Mihaaru
ވަޓްކިންސް ފަހުވަގުތު ޖެހިގޯލުން އިންގްލެންޑް ފައިނަލަށް

ކެޕްޓަން ކޭންގެ ބަދަލުގައި އެރި ވަޓްކިންސް ފަހުވަގުތު ޖެހި ގޯލުން އިންގްލެންޑް ފައިނަލަށް

11 ޖުލައި 2024

ޑޯޓްމުންޑް (ޖުލައި 11) -ފަހު ވަގުތު ކެޕްޓަން ހެރީ ކޭންގެ ބަދަލުގައި ކުޅެން އެރި އޮލީ ވަޓްކިންސް ޖެހި ގޯލުން 2-1 އިން ނެދަލެންޑްސް ބަލިކޮށް އިންގްލެންޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޑޯޓްމުންޑް (ޖުލައި 11) -ފަހު ވަގުތު ކެޕްޓަން ހެރީ ކޭންގެ ބަދަލުގައި ކުޅެން އެރި އޮލީ ވަޓްކިންސް ޖެހި ގޯލުން 2-1 އިން ނެދަލެންޑްސް ބަލިކޮށް އިންގްލެންޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް ޔޫރޯގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޖަރުމަންގައި ކުރިއަށްދާ މިއަހަރުގެ ޔޫރޯ ފައިނަލްގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސްޕެއިންއާ ދެކޮޅަށް އިންގްލެންޑް ނުކުންނާނީ ބާލިން އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.

މިއަހަރުގެ ފައިނަލް ވާނީ އަމިއްލަ ފަސްގަނޑުން ބޭރުގައި އިންގްލެންޑް ކުޅޭ ފުރަތަމަ މޭޖާ ފައިނަލަށެވެ. އެގައުމުން އަމިއްލަ ފަސްގަނޑުގައި 1966 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި އެވެ.

އެއަށް ފަހު ފައިނަލެއް ކުޅުނީ އެންމެ ފަހުން ބޭއްވި ޔޫރޯގަ އެވެ. ޔޫރަޕްގެ 11 ގައުމެއްގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް ކުޅުނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

ޒަވީ ސިމޮންސް ނެދަލެންޑްސް އަށް ލީޑު ނަގައިދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޒަވީ ސިމޮންސް ނެދަލެންޑްސް އަށް ލީޑު ނަގައިދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

އިންގްލެންޑަށް މިހާތަނަށް ޔޫރޯ މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ސްޕެއިން އަކީ ރެކޯޑް ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ގައުމެކެވެ.

މިރޭގެ މެޗުގެ ހަތްވަނަ މިނިޓުގައި ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ޒަވީ ސިމޮންސް އެވެ. އޭނާ ލަނޑު ޖެހީ ޑެކްލަން ރައިސް އަތުން ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުސަތެއްގަ އެވެ.

ނަމަވެސް އޭގެ 10 ވަރަކަށް މިނިޓު ފަހުން ޑެންޒެލް ޑަމްފްރީސް ކުށެއް ކުރި ކަމަށް ބަލައި ވީއޭއާރުގެ އެހީގައި ހޯދި ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން، އިންގްލެންޑަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.

ކޭން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކޭން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އޭގެ އިރުކޮޅެއް ފަހުން ފިލް ފޮޑެން އޭރިއާ ތެރެއިން ޑިފެންޑަރުން ކައިރިން ނައްޓާފައި ނެދަލެންޑްސްގެ ގޯލްކީޕަރު ފައި ދޭތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ލައިނު މަތިން ދިފާއު ކުރީ ޑަމްފްރީސް އެވެ. އަދި އޭނާ ދުރުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑީއަށް ވެސް އަމާޒުވެފަ އެވެ.

މާ ގިނައިރެއް ނުވެ ނެދަލެންޑްސްގެ އެންމެ މުހިއްމު އެއް ފޯވާޑް މެމްފިސް ޑިޕާއި އަށް އަނިޔާވެގެން މި ހާފުގައި ވަނީ ބަދަލު ކޮށްފަ އެވެ.

މެޗުގެ ފަހު 10 މިނިޓަށް ކޭންގެ ބަދަލުގައި ނުކުތް ވަޓްކިންސް ލަނޑު ޖެހީ ކޯލް ޕާމާ ދިން ބޯޅައަކުން، މެޗުގެ 90 ވަނަ މިނިޓުގަ އެވެ. ފޮޑެންގެ ބަދަލުގައި ޕާމާ ވެސް ނުކުތީ ފަހު 10 މިނިޓަށެވެ.