Roadha Mihaaru
މާރުކޭޓުތަކުން އަތުލައިގަތް ބިދޭސީން ތިބީ ބަންދުގައި

މާލޭގެ މާރުކޭޓުތަކުން އަތުލައިގަތް ބިދޭސީން އަދިވެސް ތިބީ ބަންދުގައި

07 ޖުލައި 2024

މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން މިހާރު ފަށާފައިވާ ހާއްސަ ރެއިޑް އޮޕަރޭޝަންގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު މާރުކޭޓަކުން އަތުލައިގަތް މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އެ ދުވަހު ހައްޔަރުކުރި މީހުން ފުރުވައިލުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެ މީހުންގެ ޑޮކިއުމެންޓޭޝަން ޕްރޮސެސް އާއި އެހެން ކަންކަން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގައި، ސަރުކާރުން ހިންގާ ލޯކަލް މާރުކޭޓު ވެސް ބަލައި އެ ތަންތަނުގައި ތިބި ބިދޭސީން ވެސް ގެންދިޔަ އެވެ. އެކި މާރުކޭޓުތަކާއި މާލެތެރެއިން އެ ދުވަހު 50 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ހުންނަ މާރުކޭޓާއި އަމީނީ މަގުން ޓީވީއެމް ކައިރީގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބި ގާތްގަނޑަކަށް ހުރިހާ ބިދޭސީން އެ ދުވަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ ދެ ތަނުގެ ގޮޅިތައް ހުއްޓުނެވެ. އެހެންވެ، ދެ މާރުކޭޓުގެ ބޭރުގައި ބަންދު ބޯޑު އަޅުވައި އެ ރޭ އަށެއް ޖަހާކަންހާއިރު ބަންދު ކުރި އެވެ.

އަމީނީ މަގުގައި ބިދޭސީން ހިންގާ މާރުކޭޓުގައި މިއަދު ހެނދުނު ބިދޭސީން ހަރަކާތްތެރިވަނީ: ކުރީގެ އުސޫލުން އަނެއްކާ ވެސް މި މާރުކޭޓުގައި ގޮޅިތަކުގެ ވެރިކަން އޮތީ ހަމަ ބިދޭސީންނަށް.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭގެ ފަހުން 2-3 ދުވަސް ވަންދެން ދެ މާރުކޭޓު ހުރީ ބަންދުކޮށްފަ އެވެ. އެކަމަކު، މިހާރު އެ ދެ ތަން ވެސް ހުޅުވައި އެހެން ބިދޭސީންތަކެއް އަންނަނީ އެތަން ހިންގަމުންނެވެ. ފައިސާ ބަލައިގަތުމާއި ގޮޅިތައް ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް ތިބީ ބިދޭސީންނެވެ.

އަލުން އެ ދެ މާރުކޭޓު ހިންގަން ފެށީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކޮށްލުމުން ކަމަށް ބުނާ ވާހަކަތައް އެ އިދާރާ އިން ދޮގުކުރެ އެވެ.

މާލޭގެ މާރުކޭޓުތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމުގެ ރެއިޑް އޮޕަރޭޝަނަށް ފަހު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެފައި ވަނީ އެ އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ރާއްޖެ އިން ޑީޕޯޓް ކޮށްލާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ އަށް ވިޔަފާރި ހިންގާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

"އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެ އިން ޑީޕޯޓްކޮށް ފޮނުވާލެވޭނެ،" ޝަމްއާން ވިދާޅުވި އެވެ.

މާރުކޭޓުތަކުގެ ގޮޅިތައް ހިންގުމުގައި ބިދޭސީން ތިބުމަކީ މަނާކަމެވެ. އަދި ހާއްސަކޮށް ފައިސާ ބަލައި ގަންނަން ނުވަތަ ބިދޭސީ ސޭޓުން ތިބުމަކީ ވެސް މަނާކަމެކެވެ.