Roadha Mihaaru
ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރާތީ ނުރުހުން

ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް ބޮޑުކުރަން ޖޭއެސްސީން އެދުމުން މެމްބަރުންގެ ނުރުހުން

09 ޖުލައި 2024

ފަނޑިޔާރުންނާއި ރިޓަޔާޑް ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ދައްކާ އަދަދު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅުމުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެެއް މެމްބަރުން ކަންބޮޑުވުން މިއަދު ފާޅު ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ފަނޑިޔާރުންނާއި ރިޓަޔާޑް ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ދައްކާ އަދަދު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅުމުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެެއް މެމްބަރުން ކަންބޮޑުވުން މިއަދު ފާޅު ކުރައްވައިފި އެވެ.

މިދިޔަ މެއި މަހު ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި ސިޓީގައި އެދިފައިވަނީ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖްތައް ބޮޑު ކުރުމަށާއި އަދި އިންޝުއަރެންސަށް ފަނޑިޔާރުން އަމިއްލައަށް ދައްކަންޖެހޭ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް ހަމަޖެއްސުމަށެވެ. އެގޮތަށް އެދުނީ ފަނޑިޔާރުންގެ ކަންބޮޑުވުން ހުރުމުންނެވެ.

ޖޭއެސްސީން އެދުނީ ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ ބޭފުޅުން އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 14،500ރ. އިން 18،500ރ. އަށް ބޮޑު ކުރުމަށާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 12،000ރ. އިން 16،750ރ. އަށް ބޮޑު ކުރުމަށާއި މެޖިސްޓްރޭޓުންނާއި އެ ބޭފުޅުންގެ އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 9،000ރ. އިން 14،000ރ. އަށް ބޮޑު ކުރުމަށެވެ. އަދި ރިޓަޔާޑް ފަނޑިޔާރުންނަށް ވެސް ދޭ އިންޝުއަރެންސް ބޮޑުކުރަން ޖޭއެސްސީން އެދުނެވެ.

މިކަމަށް އިތުރު 5.7 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވެ އެވެ.

އެ ފައިސާ ހަމަޖައްސައިދޭން ޖޭއެސްސީއިން އެދިފައިވާއިރު، މިއަދު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިކަމާ މެދު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ކޮމިޓީގައި ވާހަކަ ދެއްކެވި މެންބަރުންގެ ވަނީ އެގޮތަށް އިންޝުއަރެންސް ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ފަނޑިޔާރުންގެ އިންޝުއަރެންސް އެންމެ ފަހުން މަޖިލީހުން ބޮޑުކޮށް ދިނީ އޭގެ ތެރެއިން 10 ޕަސެންޓް ފަނޑިޔާރުން އަމިއްލައަށް ދައްކާ ގޮތަށް އެއްބަސްވުމުން ކަމަށެވެ. ނަމަވެސް މިހާރު އެ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިގޮތަށް އިންޝުއަރެންސް ބަދަލު ކުރާނަމަ އެހެން މުއައްސަސާތައް ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެނެއް މިކަމެއް ނުވާނެ. އަނެއްކާވެސް މުޅި ސިސްޓަމަށް ގެންނަން ބަދަލެއް ގެންނަން ޖެހޭނީ." ސަލީމް ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ފަނޑިޔާރުންނަށް މިހާރު ވެސް އިންޝުއަރެންސަކީ މަޖިލިސް މެމްބަރުންނަށް ވުރެ ފުޅާކޮށް ދެމުން އަންނަ އިންޝުއަރެންސެއް ކަމަށެވެ. އިންޝުއަރެންސް ދިނަސް، އެކަން ކުރަން ޖެހޭނީ އެއް އުސޫލަކުން ކަމަށާއި އަދި ދައުލަތުގެ މިހާރުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އިންޝުއަރެންސްގެ މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ވިސްނުން މަޖިލީހުން ހޯދަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ލިބިވަޑައިގަންނަވަނީ އަޅުގަނޑުމެންގެ 18 އަހަރުން ދަށުގެ ދަރިންނާއި އަނބިންނަށް ލިބޭ އިންޝުއަރެންސް. މިއަށް ޕްރިމިއަމް ބެއާ މިކުރަނީ ރައްޔިތުންގެ މަޖިލީހުން. އެހެން ނަމަވެސް ދެންމެ އިދާރީ މޭޒުން އެ ފާހަގަ ކުރެއްވި ގޮތަށް ފަނޑިޔާރުން ވިއްޔާ އެ މީހުންގެ މައިންބަފައިންނަށް ދާންދެން އެބަ ކަވާ ކުރޭ. ހަމަ ދައުލަތުން ބެއާ ކުރަން މި ޖެހެނީ." ޝުޖާއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން އިގުތިސާދީ ރީފޯމް އެޖެންޑާއަކަށް ދާއިރު، ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިތުރު އިންޝުއަރެންސްތައް ފޯރުކޮށްދޭ ދިނުން ރިވިއު ކުރަން ޖެހޭ ކަމަށެވެ. އެކަމަކީ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ ސަރުކާރުން މި ވަގުތު ދަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަމުން ކަމަށާއި މި ހާލަތުގައި ޖޭއެސްސީއިން އެދިފައިވަނީ އިތުރު ފަސް މިލިއަން ރުފިޔާ ހޯދަން ކަމަށެވެ. އިންޝުއަރެންސް ސްކީމްތައް މަސައްކަތް ކުރާ ގޮތަކީ ވެސް އަމިއްލައަށް ވެސް ކޮންމެވެސް އަދަދެއްގެ ފައިސާ ދެއްކުން ކަމަށާއި ނަމަވެސް، ކޯޕޭމަންޓް ދައްކަން ފަނޑިޔާރުން ބޭނުން ނުވާ ކަން ޖޭއެސްސީގެ ސިޓީއިން އެނގޭ ކަމަށް އަޒާން ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މެންބަރު އަޒާން: ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއަށް އިތުރަށް ފައިސާ ދޭން ނުފެންނަ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު

މާލިއްޔަތު ކޮމިޓީގެ މެންބަރު އަޒާން: ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއަށް އިތުރަށް ފައިސާ ދޭން ނުފެންނަ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު

"މި ދަނޑިވަޅުގައި އެ ބޭފުޅުން ކޮންޓްރިބިއުޓް ކުރަމުންދާ އެއްޗެއް ވެސް ހުއްޓާލާފައި އަޅުގަނޑުމެން އާންމު ރައްޔިތުން އަތުން އެ ފައިސާ ދައްކަން މި ޖެހެނީ. އަޅުގަނޑަކަށް ނުފެނޭ މި ފައިސާ ހަމަޖައްސާކަށް ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިން ވެސް. ރައްޔިތުންގެ ބޮލުގައި އެޅޭ އިތުރު ދަރަންޏަކަށް އަނެއްކާވެސް ވާނީ،" އަޒާން ވިދާޅުވި އެވެ.

މި މައްސަލާގައި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރަން މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ. އަދި ޖޭއެސްސީއިން އެދިފައިވާ ފަސް މިލިއަން ރުފިޔާ ދިނުމާ މެދު އޭގެ ފަހުން ގޮތެއް ނިންމަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.