Roadha Mihaaru
ފަނޑިޔާރުންގެ މުސާރައަށް ގޮތެއް ނިންމުން އާ މަޖިލިހަށް

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމާ މެދު ގޮތެއް ނިންމުން އާ މަޖިލިހަށް

16 އެޕްރީލް 2019

ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުމުގެ ބާރު، އަންނަ މަހު ހުވާކުރާ ރައްޔިތުންގެ މަޖިލިހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުމުގެ ބާރު، އަންނަ މަހު ހުވާކުރާ ރައްޔިތުންގެ މަޖިލިހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރުންނަށް ދެމުން އަންނަ މުސާރައިގެ އޮނިގަނޑެއް ކަނޑައަޅައި އެކަމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީ އަށް ސިޓީ ފޮނުވައިފަ އެވެ. ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް މަޖިލިހުން ފާސްކުރީ ޑިސެމްބަރު 28، 2010 ގަ އެވެ.

ޖޭއެސްސީ އިން ފޮނުވި ސިޓީގައި ވަނީ ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މިހާތަނަށް އައި އިރު ރިވިއުކޮށްފައި ނުވާ އިރު، މިހާރު ފަނޑިޔާރުންނަށް ލިބޭ މުސާރަ އަކީ ދިރިއުޅުމުގެ ހަރަދުތަކާއި އެބޭފުޅުންގެ މަސްއޫލިއްޔަތާ އަޅާބަލާއިރު، އެކަށީގެންވާ ވަރަށް ވުރެ ކުޑަ މުސާރައެއް ކަމަށެވެ.

ކޮމިޝަނުން ފޮނުވި ސިޓީ އަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ ފަނޑިޔާރުންނަކީ އެންމެ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާގެ އިތުބާރު ލިބިފައިވާ ބައެއް ކަމަށެވެ. މި އަހަރަށް ދައުލަތުގެ ބަޖެޓު ފާސްކޮށްފައި އޮއްވައި، މުސާރަ އަށް ބަދަލު ގެންނަން ތާއީދުނުކުރައްވާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އެހެންވެ، މިކަމުގައި މަޝްވަރާކޮށް ގޮތެއް ނިންމުމުގެ ފުރުސަތު ދޭންޖެހޭނީ ރައްޔިތުން އަލަށް އިންތިހާބު ކުރި މެމްބަރުންނަށް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. އެހެންވެ، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވީ އެކަމާ މެދު ގޮތެއް ނިންމަން އާ މަޖިލިހަށް ދިނުމަށެވެ.

މަޖިލިހުން ފާސްކުރި ފަނޑިޔާރުންގެ މުސާރަ އަށް ބަލާ އިރު، އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،125ރ. ލިބިވަޑައިގަންނަވާނެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިވަޑައިގެންނަވާނީ މުސާރަ އާއި އިނާޔަތާއެކު 71،000ރ. އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 56،300ރ. ލިބިވަޑައިގަންނަވާ އިރު، އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް 54،300ރ. ލިބިވަޑައިގަންނަވާނެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް މުސާރަ އާއި އިނާޔަތާއެކު 49،300ރ. ލިބިވަޑައިގަންނަވާ އިރު، ކޯޓުގެ އެހެން ފަނޑިޔާރުންނަށް 48،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ސިވިލް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް 46،000ރ. ލިބިވަޑައިގަންނަވަ އެވެ.

އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 25،600ރ. ލިބިވަޑައިގަންވާ އިރު މެޖިސްޓްރޭޓަކަށް މަހަކު 23،450ރ. ލިބިވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ އެވެ.