Roadha Mihaaru
ވަގަށް އެތެރެކުރި 22 ވެހިކަލް ދައުލަތަށް ނަގައިފި

ވަގަށް އެތެރެކުރި 22 ވެހިކަލް ދައުލަތަށް ނަގަން ހުކުމްކޮށްފި

09 ޖުލައި 2024

ކަސްޓަމްސްގެ ގާނޫނާ ހިލާފަށް ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކަސްޓަމްސްގެ ގާނޫނާ ހިލާފަށް ރާއްޖެއަށް ވަގަށް އެތެރެކުރި ވެހިކަލްތަކެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އަމިއްލަ މީހަކު ޕްލައިވުޑް އަދި ޓިމްބާ ގޮތުގައި ޑިކްލެއާކޮށް، އެމްޕީއެލް ބަނދަރުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރަކުން ވެހިކަލްތަކެއް ނެރެފައިވާ މައްސަލާގައި ކަސްޓަމްސް އިން ވަނީ ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.

އެ ދެ ކޮންޓެއިނަރުން ނެރެފައިވަނީ 22 ވެހިކަލާއި ސްޕެއާ ޕާޓްސްތަކެކެވެ.

ކަސްޓަމްސް އިން ކޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް މުދަލުގެ ގޮތުގައި ވަގަށް ވެހިކަލްތަކެއް އެތެރެކުރިކަން ވަނީ އެ މީހާގެ މައްޗަށް ތަހުގީގުގައި ސާބިތުވެފަ އެވެ. އެހެންވެ، ކަސްޓަމްސްއިން ކޯޓުގައި އެދިފައިވަނީ އެ މުދާ ދައުލަތަށް ނަގައިދިނުމަށެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު މިއަދު އިއްވެވި ހުކުމްގައިވާ ގޮތުން، އެ ވެހިކަލްތަތަކީ ދައުވާ ލިބޭ މީހާ އާ ގުޅުމެއް ހުރި ތަކެތި ނޫން ކަމަށް އޭނާ ބުންޏަސް، އެ މުދާ އެތެރެކޮށްފައިވަނީ އޭނާގެ ޔޫސާ ނޭމާއި ޕާސްވާޑް ބޭނުންކޮށްގެންނެވެ.

އަދި އެ ލޮގިން ބޭނުން ކުރީ އޭނާ ނޫން ކަމަށް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ހުކުމްގައިވާ ގޮތުން އެ މުދަލަކީ ވަގަށް އެތެރެކޮށްފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވެ އެވެ. އެހެންވެ، 22 ވެހިކަލާއި ސްޕެއާ ޕާޓްސްގެ މައްޗަށް ހިމެނޭ މުދަލަކީ ދައުލަތަށް ނެގުމުގެ އަމުރު ދެވިފައިވާ މުދާ ކަމަށް ކަނޑައަޅާ ކަމަށް ހުކުމްގައިވެ އެވެ.