Roadha Mihaaru
އިތުރުވީ 44000 ދިވެހިން، ބިދޭސީން ދެ ގުނަ އިތުރު

ނުވަ އަހަރުން އިތުރުވީ 44،000 ދިވެހިން، ބިދޭސީ އާބާދީ ދެ ގުނަ އިތުރުވެއްޖެ

30 މާޗް 2023

ނުވަ އަހަރުން ރާއްޖޭގެ އާބާދީއަށް 44،000 ދިވެހިން އިތުރުވެ އާބާދީ 382،000 އަށް އެރި އިރު، ބިދޭސީންގެ އާބާދީ ދެ ގުނަ ބޮޑުވެފައިވާ ކަން ބޯހިމެނުމުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނުވަ އަހަރުން ރާއްޖޭގެ އާބާދީއަށް 44،000 ދިވެހިން އިތުރުވެ އާބާދީ 382،000 އަށް އެރި އިރު، ބިދޭސީންގެ އާބާދީ ދެ ގުނަ ބޮޑުވެފައިވާ ކަން ބޯހިމެނުމުން ދައްކައިފި އެވެ.

ނުވަ އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ ތަފާސް ހިސާބުތައް މިއަދު އާންމު ކުރިއިރު، ދިވެހިންގެ އާބާދީއަކީ 382،751 އެވެ. އެއީ 2014 ވަނަ އަހަރު ބޯހިމެނި އިރަށްވުރެ 44،317 މީހުން އިތުރުވުމެވެ. އަދި ބިދޭސީންނާ އެކު ރާއްޖޭގެ ޖުމްލަ އާބާދީ 515،122 އަށް މިހާރު އަރަ އެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ 26 ޕަސެންޓަކީ މިހާރު ބިދޭސީންނެވެ. އެއީ 132،000 އަށް ވުރެ ގިނަ ބިދޭސީންނެވެ. މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. އޭރު ބިދޭސީ އާބާދީ އޮތީ 63،000 ގަ އެވެ.

މިހާރު ރިސޯޓްތަކާއި ސިނާއީ ސަރަހައްދުތަކުގައި ބިދޭސީންގެ ނިސްބަތް އުޅެނީ 70 ޕަސެންޓަށް ވުރެ މަތީގަ އެވެ. އަދި ކޮންމެ ތިން ދިވެއްސަކަށް މިހާރު ބިދޭސީއަކު އެބަހުއްޓެވެ.

ދިވެހިންގެ އާބާދީގެ ކޮންމެ 100 އަންހެނަކަށް، 104 ފިރިހެނުން އެބަތިބި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން އާބާދީގެ ތެރެއިން މާލޭގައި އުޅޭ މީހުންގެ ނިސްބަތް ވެސް 39 ޕަސެންޓުން 41 ޕަަސެންޓަށް މިހާރު ވަނީ އިތުރުވެފަ އެވެ. ބިދޭސީންނާ އެކު މާލޭގައި 212،000 އަށް ވުރެ ގިނަ މީހުން އުޅޭއިރު އޭގެ ތެރެއިން 31 ޕަސެންޓް މީހުން އުޅެނީ ހުޅުމާލޭގަ އެވެ.

އާބާދީ އެންމެ ބޮޑަށް އިތުރުވީ ވެސް ހުޅުމާލޭގަ އެވެ. އެއީ 16 ޕަސެންޓްގެ އިތުރުވުމެކެވެ.

އަތޮޅު ތެރޭގައި 46 ޕަސެންޓް މީހުން އުޅޭއިރު ރިސޯޓްތަކުގައި 10 ޕަސެންޓް މީހުން އުޅެ އެވެ. މާލެ ނުހިމަނާ އެންމެ ބޮޑު އާބާދީއެއް މިވަގުތު އޮތީ އައްޑޫގަ އެވެ. އެއީ 25،000 އަށް ވުރެ ގިނަ މީހުންނެވެ. އަދި 500 މީހުން ހަމަނުވާ 40 އަށް ވުރެ ގިނަ ރަށް މިހާރު ވެސް ރާއްޖޭގައި އެބައޮތެވެ.