Roadha Mihaaru
މިހާތަނަށް ދައްކަނީ 16،800 ދިވެހިން އިތުރުވިކަމަށް

ބޯހިމެނުން: މިހާތަނަށް ދައްކަނީ އަށް އަހަރުން އިތުރުވީ 16،800 ދިވެހިން ކަމަށް

20 އޮކްޓޯބަރ 2022

ބޯހިމެނުމުގައި މިހާތަނަށް އެއްކުރެވުނު މައުލޫމާތުން، ރާއްޖޭގެ އާބާދީއަށް އަށް އަހަރުން އިތުރުވެފައިވަނީ 16،897 ދިވެހިން ކަމަށް ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޯހިމެނުމުގައި މިހާތަނަށް އެއްކުރެވުނު މައުލޫމާތުން، ރާއްޖޭގެ އާބާދީއަށް އަށް އަހަރުން އިތުރުވެފައިވަނީ 16،897 ދިވެހިން ކަމަށް ދައްކައިފި އެވެ.

އަށް އަހަރަށް ފަހު ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާއިރު، މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދާ ހަމައަށް ގުނުނު އާބާދީގައި، ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 355،331 އެވެ.

މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަށް ވުރެ 16،897 މީހުން އިތުރު އަދަދެކެވެ. އޭރު ރާއްޖޭގައި އުޅުނު ދިވެހިންގެ އާބާދީއަކީ 338،434 އެވެ.

އެ ހިސާބުތައް 2014 ވަނަ އަހަރު ރާއްޖޭގައި އުޅުނު ބިދޭސީންގެ އަދަދަށް ވުރެ މިއަދާ ހަމައަށް ގުނުނު ބިދޭސީންގެ އަދަދު 33،000 އަށް ވުރެ ވަނީ އިތުރުވެފަ އެވެ. އޭރު ރާއްޖޭގައި އުޅުނީ 63،637 ބިދޭސީން ކަމަށް ވިޔަސް، މިއަހަރުގެ ބޯހިމެނުމުގައި މިއަދާ ހަމައަށް 97،000 އަށް ވުރެ ގިނަ ބިދޭސީން ތިބި ކަމަށް ދައްކަ އެވެ. އަދި މި އަދަދަކީ އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ އަދަދުގެ 65 ޕަސެންޓް ކަމަށްވާތީ މި އަދަދު އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރާ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުންޏެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނި ގޮތުގައި މިއަދާ ހަމައަށް ގުނުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން 89 ޕަސެންޓެވެ. އަދި މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

އެ ބިއުރޯއިން ބުނި ގޮތުގައި މިހާތަނަށް މައުލޫމާތު ނުދެވި ތިބި މީހުން އެ ބިއުރޯގެ ހޮޓްލައިނަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް ވެސް ބޯހިމެނުމަށް މައުލޫމާތު ދެވޭނެ އެވެ. އަދި މީހުން ނޫޅޭ ގެތަކުގެ މައުލޫމާތު ވެސް އެ ބިއުރޯއަށް އަންގަން އެދޭ ކަމަށް އެ ބިއުރޯއިން ބުންޏެވެ.