Roadha Mihaaru
އަމީރު އަހުމަދު ސްކޫލަށް 40 އަހަރު

ތުއްތު ކުދިންނަށް ތައުލީމީ މުސްތަގުބަލެއް ބިނާ ކުރަމުންދާ އަމީރު އަހުމަދު ސްކޫލަށް 40 އަހަރު

14 ޖުލައި 2024

އަމީރު އަހުމަދު ސްކޫލަށް 40 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަމީރު އަހުމަދު ސްކޫލަށް 40 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

މި ސްކޫލަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލުގައި މިއަދު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ. މި އެސެމްބްލީގައި ސްކޫލުގެ ޕްރިންސްޕަލް އައިޝަތު އަހުލާމް އާއި އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ އިތުރުން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ހަމްދޫން ހަމީދު ވަނީ ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވައިފަ އެވެ.

މި ހާއްސަ އެސެމްބްލީގައި އަހަރީ ދުވަހުގެ ހާއްސަ ކޭކެއް ވެސް ވަނީ ފަޅާފަ އެވެ.

އަމީރު އަހުމަދު ސްކޫލުން ބުނިގޮތުގައި އެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ މުސްކުޅި ދަރިވަރުންނާ އެކު ބާއްވާ ފެއާއަކާއި ސްކޫލް ބޭންޑުގެ ޕެރޭޑަކާއި އެކި މުބާރާތްތަކާއި އިޖުތިމާއީ އެކި ހަރަކާތްތައް ހިމެނެ އެވެ.

އަމީރު އަހުމަދު ސްކޫލަކީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ އަހަރު އަހުމަދު އަސްލަމްގެ ލީޑާޝިޕްގެ ދަށުން ކުޑަކުދިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމުގެ ގޮތުން ހެންވޭރު ސްކޫލް ނަމުގައި ހުޅުވި ސްކޫލެވެ. މި ސްކޫލް އޭރު ހުޅުވީ ބޭބީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގަ އެވެ. މި ސްކޫލުގެ ނަން އަލް އަމީރު އަހުމަދު ދޮށިމޭނާ ކިލޭގެފާނުގެ ނަމާ ގުޅުވައިގެން އަމީރު އަހުމަދު ސްކޫލުގެ ނަމަށް ބަދަލު ކުރީ 1992 ވަނަ އަހަރު އެވެ.

މި ސްކޫލް ހިންގުމާ އައިލެންޑާސް އެޑިއުކޭޝަނުން 2014 ވަނަ އަހަރު ހަވާލުވުމަށްފަހު ޕްރީ ސްކޫލެއްގެ ގޮތުގައި މި ސްކޫލް ހާއްސަކޮށް, ހަ އަހަރާއި ތިން އަހަރާ ދެމެދުގެ ކުދިންނަށް ކިޔަވައިދޭ ސްކޫލަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ތުއްތު ކުދިންނަށް ޅަފަތުގައި ބޭނުންވާ ތައުލީމަށް ހާއްސަ މި ސްކޫލަކީ އެންމެ ކުޑަ ފީއެއް ނަގަމުންދާ ކޮމިއުނިޓީ ޕްރީސްކޫލެވެ.

ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ އެސެމްބްލީއަކާއި އިވެންޓެއް ވަނީ ބާއްވާފަ.

ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ އެސެމްބްލީއަކާއި އިވެންޓެއް ވަނީ ބާއްވާފަ.

މި ސްކޫލުން ދަރިވަރުންގެ ހުނަރުތައް ތަރައްގީ ކުރުމުގެ ގޮތުން ޕްރީ ކަބް ޕްރޮގްރާމާއި ސޯޝަލް އަދި ލައިފް ސްކިލް ތަރައްގީ ކުރުމަށް ހާއްސަ "ބީޒް" ޕްރޮގްރާމާއި ސްޓާޒް ޕްރޮގްރާމް ދަނީ ހިންގަމުންނެވެ. އަދި މި ސްކޫލުގައި ބޭންޑު ވެސް އޮވެ އެވެ. މިއީ ޕްރީސްކޫލެއްގައި ބޭންޑުގެ ހަރަކާތް ފެށި ފުރަތަމަ ސްކޫލެވެ.

އަމީރު އަހުމަދު ސްކޫލުން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި އެ ސްކޫލުގައި ތުއްތު ކުދިންނަށް ހިންގާ އެކްސްޓްރާ ކަރިކިއުލާ އެކްޓިވީޓީތައް އިތުރުކޮށް، ސްކޫލުގެ ފެންވަރު މިހާރަށް ވުރެ ވެސް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ އެވެ.