Roadha Mihaaru
އަމީރު އަހުމަދު ސްކޫލު ބިން 35އަހަރަށް އެޑިއުކޭޝަނަށް

އަމީރު އަހުމަދު ސްކޫލް ހިންގާ ބިން 35 އަހަރަށް އެޑިއުކޭޝަނަށް

07 ޖޫން 2021

އަމީރު އަހުމަދު ޕްރީ ސްކޫލު ހިންގާ ބިމުގައި ތައުލީމު ފޯރުކޮށްދޭ ތަނެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް 35 އަހަރަށް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީރު އަހުމަދު ޕްރީ ސްކޫލު ހިންގާ ބިމުގައި ތައުލީމު ފޯރުކޮށްދޭ ތަނެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް 35 އަހަރަށް ދީފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އެ ބިމުގައި ތައުލީމު ފޯރުކޮށްދޭ މަރުކަޒެއް ހިންގައި ބަލަހައްޓަން އެޑިއުކޭޝަން މިނިސްޓްރީ އަށް ދިގު މުއްދަތަކަށް ދޭން ނިންމާފައިވާ ކަމަށެވެ.

އެކަން ކޮށްދިނުމަށް ރައީސް އޮފީހުން ވެސް އެދެމުން އަންނާތީ، ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމަށްފަހު މަދަރުސަތުލް އަމީރު އަހުމަދާއި އަމީރު އަހުމަދު ޕްރީ ސްކޫލް އަދި ހެންވޭރު އަވަށު އޮފީސް ހިންގި ބިންތަކުގައި ތައުލީމު ފޯރުކޮށްދޭ ތަނެއް ހިންގަން 35 އަހަރަށް ކުއްޔަށް ދިނުމަށް ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބިންތަކުގައި މިހާރު ސްކޫލްތައް އަޅައި ހިންގަމުން އަންނަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ. އެގޮތުން، ހެންވޭރު ޕްރީ ސްކޫލުގެ ބިމުގައި އަމީރު އަހުމަދު ކޮމިއުނިޓީ ޕްރީ ސްކޫލް ހިންގާއިރު އަމީރު އަހުމަދު ސްކޫލުގެ ބިމުގައި ކެންގަރޫ ކިޑްސް އާއި ފިންލެންޑް އަދި ބިލަބޮންގް ސްކޫލުގެ ބައެއް ހިންގަ އެވެ. އޭގައި ހެންވޭރު އަވަށު އޮފީހުގެ ބިން ހިމެނުނަސް، ބިމުގެ ގާނޫނީ ބެލެނިވެރިކަން ނޭނގޭތީ، އެއްބަސްވުމުގައިވާ ގޮތަށް އެ ތަނުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އަމީރު އަހުމަދު ސްކޫލް ހިންގާ ބިމަކީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމަށެވެ.

"މި ކަމުގެ ސަބަބުން ތުއްތު ކުދިންނާއި ސްކޫލަށް ދާ ކުދިން، ހާއްސަކޮށް އަމީރު އަހުމަދާއި ހެންވޭރު ޕްރީ ސްކޫލުގައި ތިބި ދަރިވަރުން އަދި އާއިލާތަކަށް ވަރަށް ބޮޑަށް ދަތިވެފައި އޮތް މައްސަލައެއް މިއީ. އެހެންވީމަ، އަޅުގަނޑުމެން މި ނިންމީ ކައުންސިލްގެ އިއްތިފާގުން އެޑިއުކޭޝަން މިނިސްޓްރީން އެދިފައި އޮތް ގޮތަށް އަދި ރައީސް އޮފީހުން ވެސް އެދިވަޑައިގެންފައި އޮތް ގޮތަށް 35 އަހަރު ދުވަހަށް ތައުލީމީ މުއައްސަސާއެއް ހިންގުމަށް ދިނުމަށްޓަކައި،" މޭޔަރު ވިދާޅުވި އެވެ.