Roadha Mihaaru

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލްގެ އެޑްމިޝަނަށް މިއަދު ހުޅުވާލަނީ

މި އަހަރުގެ އޭޕްރިލް މަހު ފަށާ ދިރާސީ އާ އަހަރުގެ އެޑްމިޝަނަށް ކެންގަރޫ ކިޑްސް އިންޓަނޭޝަލް ސްކޫލުން މިއަދު ހުޅުވާލާނެ އެވެ.

ކެންގަރޫ ކިޑްސްގެ އެޑްމިޝަނަށް މިއަދު ހުޅުވާލަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

09 ޖެނުއަރީ 2025

މި އަހަރުގެ އޭޕްރިލް މަހު ފަށާ ދިރާސީ އާ އަހަރުގެ އެޑްމިޝަނަށް ކެންގަރޫ ކިޑްސް އިންޓަނޭޝަލް ސްކޫލުން މިއަދު ހުޅުވާލާނެ އެވެ.

ކެންގަރޫ ކިޑްސްއިން ބުނި ގޮތުގައި އެ ސްކޫލުގެ ޕްލޭ ސްކޫލް، ނާސަރީ، ޖޭކޭޖީ އަދި އެސްކޭޖީގެ އެޑްމިޝަން ފުރުސަތު މިއަދު 2 ޖަހާއިރު އެ ސްކޫލްގެ ވެބްސައިޓުގައި ހުޅުވާލާނެ އެވެ.

އަލަށް ފަށާ ދިރާސީ އާ އަހަރުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލުމަށް ހަމަޖެހިފައި ވާއިރު، އެސްކޭޖީ ކިޔަވާ ދަރިވަރުންގެ ވަގުތު އިތުރުކުރަން ނިންމާފައިވާކަމަށް އެ ސްކޫލުން ވަނީ އިއުލާނުކޮށްފަ އެވެ. އެ ސްކޫލުން ބުނީ އިތުރު ފީއަކާ ނުލައި، އެސްކޭޖީ ދަރިވަރުންގެ ކިޔެވުން ތިން ގަޑިއިރުން ހަތަރު ގަޑިއިރަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ބަދަލަކީ ކަރިކިއުލަމްގެ ބައިތައް ދަރިވަރުންނަށް ހާސިލްވާ މިންވަރު އިތުރަށް ރަނގަޅުކޮށް، އެސްކޭޖީ ނިންމާ ގްރޭޑް 1 އަށް ވަންނައިރު ދަރިވަރުންގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އުނގެނުމުގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އެ ބަދަލުގެ ސަބަބުން ދިގު ސެޝަންގައި ކިޔަވައި، ގްރޭޑް 1 އަށް ދާއިރު ގްރޭޑް ސްކޫލުގެ އުނގެނުމުގެ މާހައުލަށް ދަރިވަރުން އިތުރަށް ފުރިހަމައަށް ތައްޔާރުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ކެންގަރޫ ކިޑްސްއިން ވަނީ އެސްކޭޖީ ގެ ދަރިވަރުންގެ ކިބައިގައި އިސްނެގުމާއި، އިޖްތިމާއީ ރޫހު އަށަގެންނެވުމަށްޓަކައި ޕްރީ ކަބް އަދި ސްޓާސް ޔުނިފޯމް ބޮޑީ ހަރަކާތްތައް ވެސް ދިރާސީ އާ އަހަރުގައި ފެށުމަށް ނިންމައިފަ އެވެ.

ކެންގަރޫ ކިޑްސްގައި ކިޔަވައިދޭން ގެންގުޅޭ ފޮތްތަކަކީ އެ ބްރޭންޑަށް ހާއްސަ ފޮތްތަކެކެވެ. އަދި އެ ސްކޫލުގައި ދިވެހި، އިސްލާމް އަދި ގުރުއާން ކިޔަވައިދިނުމަށް ސްކޫލްގައި ބޭނުންކުރަނީ ކަމާބެހޭ މާހިރުންނާއި ބައެއް ޓީޗަރުން ގުޅިގެން ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ. އެ ސްކޫލުގެ ގްރޭޑުތައް ކުރިއަށް ގެންދަނީ ތިން ސެޝަނަށް ބަހާލައިގެންނެވެ. އެ ސްކޫލުގެ ކޮންމެ ގްރޭޑެއް ވެސް ކޮންމެ ސެޝަނެއްގައި ވެސް ހިމެނެ އެވެ. އަދި ކޮންމެ ގްރޭޑަކަށް ވެސް މަދުވެގެން ތިން ގަޑިއިރަށް ކިޔަވައިދެ އެވެ.

ކެންގަރޫ ކިޑްސް ބްރޭންޑުގެ އެކި ޕްރީ ސްކޫލުތައް އަވައްޓެރި އިންޑިއާ ހިމެނޭ ގޮތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރެ އެވެ. މި ސްކޫލުތަކުގެ ތެރެއިން މާލޭގައި ހުންނަ ކެންގަރޫ ކިޑްސް ސްކޫލަކީ ފާހަގަކޮށްލެވޭ ސްކޫލެއްކަން އެ ސްކޫލަށް އެކި އަހަރުމަތިން ލިބިފައިވާ އެކި އެވޯޑުތަކުން ހާމަވެ އެވެ.