Roadha Mihaaru

ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކު ހޯދަން އިއުލާންކޮށްފި އެވެ.

އާބިޓްރޭޝަން ސެންޓަރަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

14 ޖުލައި 2024

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ސެންޓަރުން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،500ރ. މަހަކު ލިބޭނެ އެވެ.

އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯއަކީ އެ ސެންޓަރު އިދާރީ ގޮތުން ހިންގައި ބެލެހެއްޓުމުގެ އެންމެ އިސްފަރާތެވެ.

އެ މަގާމުގެ ތައުލީމީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ރިލޭޝަންސް ދާއިރާއިން ދަށްވެގެން ޑިގްރީއެއް އޮތުމާ އެކު އެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އާބިޓްރޭޝަން ސެންޓަރަކީ ވިޔަފާރީގެ މައްސަލަތައް ކޯޓުތަކުން ބޭރުގައި އާބިޓްރޭޓަރުން މެދުވެރިކޮށް ހައްލު ކުރުމަށް އުފައްދާފައިވާ ސެންޓަރެކެވެ. އެ ސެންޓަރުގެ ޗެއާޕާސަނާއި ބޯޑު މެމްބަރުންނަކީ ރައީސް އައްޔަން ކުރައްވާ ބޭފުޅުންނެވެ.