Roadha Mihaaru

އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް އިފުތިތާހުކޮށްފި

އެކި ފަރާތްތަކުގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް ބައިނަލްއަގްވާމީ އާބިޓްރޭޝަންގެ އުސޫލުތަކާ އެއްގޮތަށް ހައްލު ކުރުމަށް އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު އިއްޔެ ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް އިފުތިތާހުކޮށްފި
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

09 ނޮވެމްބަރ 2021

އެކި ފަރާތްތަކުގެ މެދުގައި އުފެދޭ ވިޔަފާރީގެ މައްސަލަތައް ބައިނަލްއަގްވާމީ އާބިޓްރޭޝަންގެ އުސޫލުތަކާ އެއްގޮތަށް ހައްލު ކުރުމަށް އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު އިއްޔެ ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު އިފުތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ ވިޔަފާރީގެ މައްސަލަތައް ހައްލު ކުރަން އާބިޓްރޭޝަން ސެންޓަރެއް ހުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

އެ މަނިކުފާނުގެ އިތުރުން، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރު ވަނީ އާބިޓްރޭޝަން ސެންޓަރު ފަށައިގަތުމަށް ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އާބިޓްރޭޓަރުން ތަމްރީނު ކުރުމާއި އޮންލައިން ކޭސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމު ކުރުމާއި ޒަމާނަށް ފެތޭ ރޫލްސް އޮފް އާބިޓްރޭޝަނެއް އެކުލަވައިލުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް ލޯންޗު ކުރުމަށް އިއްޔެ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އާބިޓްރޭޝަން ސެންޓަރު

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް ލޯންޗު ކުރުމަށް އިއްޔެ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އާބިޓްރޭޝަން ސެންޓަރު

ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ތަސްދީގު ކުރިޔަސް އާބިޓްރޭޝަން ސެންޓަރު ގާއިމު ނުކުރެވި ގިނަ އަހަރުތަކެއް ހޭދަވި އެވެ. އެ ސެންޓަރު ހުޅުވީ 2019ގަ އެވެ.

މިދިޔަ އަހަރު ވެސް އާބިޓްރޭޝަން ސެންޓަރު ރަސްމީކޮށް ހުޅުވަން ރަސްމިއްޔާތެއް ބޭއްވަން ރޭވި ނަމަވެސް، ކޮވިޑާ ހެދި އެކަން ފަސް ކުރީ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ ސެންޓަރުން ދަނީ ހިދުމަތް ދެމުންނެވެ.

އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަނަކަށް ޝަހުދީ ހުންނަވާއިރު، ބޯޑުގެ މެމްބަރު ކަމުގައި ތިއްބަވަނީ ވަކީލް ހުސައިން ސިރާޖާއި ސަފާ ޝަރީފް އެވެ. އަދި ސީއޯއޯ އަކަށް ހުންނަވަނީ އެލްޖީއޭގެ ޑިރެކްޓަރުގެ މަގާމު ފަސް އަހަރު ވަންދެން ފުރުއްވާފައިވާ މަމްދޫހާ އަލީ އެވެ.