Roadha Mihaaru

އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯ އަކަށް މަމްދޫހާ އަލީ

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯ އަކަށް މި ހަފުތާގައި ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯއަކަށް މަމްދޫހާ އަލީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

20 ޖޫން 2019

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯ އަކަށް މި ހަފުތާގައި ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މި މަގާމަށް އައްޔަން ކުރެއްވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރުގެ މަގާމު ފަސް އަހަރު ވަންދެން ފުރުއްވާފައިވާ މަމްދޫހާ އަލީ އެވެ. އޭނާ ވަނީ ޖެންޑާ މިނިސްޓްރީ ގައި ވެސް 11 އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ،

މަމްދޫހާ ވަނީ އޮސްޓްރޭލިއާގެ ޑީކިން ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވައިފަ އެވެ.

ރާއްޖޭގައި އަލަށް އުފެއްދި އާބިޓްރޭޝަން ސެންޓަރު ސީއީއޯ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހު އެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އާބިޓްރޭޝަން ގާނޫނު ބުނާ ގޮތުން އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯ އަކީ އެ ސެންޓަރުގެ ހުރިހާ އިދާރީ ކަންކަން ހިންގައި ބަލަހައްޓާ ފަރާތެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރާނީ އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ ލަފާގެ މަތިން އެ ބޯޑުގެ ޗެއާމަނެވެ.

އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އައްޔަން ކުރައްވައިފަ އެވެ. އެ ބޯޑުގެ ޗެއާމަނަކީ ވަކީލް ޝަހުދީ އަންވަރެވެ. ބޯޑުގެ މެމްބަރަކަށް ވަކީލް ހުސައިން ސިރާޖާއި ސަފާ ޝަރީފް ވަނީ ހަމަޖައްސަވައިފަ އެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ތަސްދީގު ކުރިޔަސް ރާއްޖޭގައި އެ ނިޒާމް އަދި ރަނގަޅަށް ފަށައެއް ނުގަނެ އެވެ.