Roadha Mihaaru
ވައިޓްހައުސްގެ ނޫސް ކޮންފަރެންސަށް ބޮޑެތި މީޑިއާތައް މަނާ

ވައިޓްހައުސްގެ ނޫސްވެރިންގެ ބައްދަލުވުމަށް ބޮޑެތި މީޑިއާތައް ވަނުން މަނާ

25 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 25) - ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ދުނިޔޭގެ ބޮޑެތި މީޑިއާތައް ވަނުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 25) - ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ދުނިޔޭގެ ބޮޑެތި މީޑިއާތައް ވަނުން މަނާކޮށްފި އެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ދެއްވި ޕްރެސް ކޮންފަަރެންސުން ބާކީ ކުރީ ބީބީސީ، ސީއެންއެން، ނިއު ޔޯކް ޓައިމްސް ފަދަ މީޑިއާތަކެވެ. ބޮޑެތި މީޑިއާތަކަށް ފުރުސަތު ނުދިން ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ވައިޓްހައުސްގެ ނޫސްވެރިންގެ ބައްދަލުވުމުން ބައެއް މީޑިއާތައް މަނާކޮށްފައި މިވަނީ މީޑިއާތަކަށް އަމާޒުކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ 'ފޭކް ނިއުސް" އަކީ ރައްޔިތުންގެ ދުޝްމަނުން ކަމަށެވެ. ޓްރަމްޕް ކުރިން ވަނީ ސީއެންއެން އާއި ނިއު ޔޯކް ޓައިމްސް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވައިޓްހައުސްގެ އޮފިޝަލުން ހިތްހަމަނުޖެހިފައި މިވަނީ ޓްރަމްޕުގެ ކެމްޕޭން ޓީމުތަކުގެ މެންބަރުން ރަޝިޔާގެ އިންޓަލިޖެންސް އޮފިޝަލުންނާ ބައްދަލު ކުރި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ޓްރަމްޕުގެ ތަގްރީރަށް ފަހު ވައިޓް ހައުސްގެ ބައްދަލުވުމަށް ދައުވަތު ދީފައި ވަނީ ހޮވޭލެވުނު ވަކި މީޑިއާތަކަކަށެވެ. ދައުވަތު ދިން މީޑިއާތަކަކީ އޭބީސީ، ފޮކްސް ނިއުސް، ބްރެއިޓްބާޓް ނިއުސް، ރޮއިޓާސް އަދި ވޮޝިންޓަން ޓައިމްސް އެވެ. ވައިޓްހައުސް އިން ބައެއް މީޑީއާތަކަށް ފުރުސަތު ނުދިނުމުން އެކަަމަށް އިހްތިޖާޖް ކުރުމުގެ ގޮތުން އެސޯސިއޭޓް ޕްރެސް އާއި ޔޫއެސްއޭ ޓުޑޭ އަދި ޓައިމް މަޖައްލާ އިން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެ އެވެ. ބައެއް މީޑިއާތަކަށް ދައުވަތު ނުދިނީ ކީއްވެތޯ ސުވާލު ކުރުމުން ޕްރެސް ސެކްރެޓަރީ ސްޕައިސާ ވިދާޅުވީ އެއީ ނޫސްވެރިންގެ ޕޫލް ފުޅާ ކުރުމަށް އޭނާ ނިންމެވި ނިންމެވުމެއް ކަމަށެވެ.

ބީބީސީގެ ވޮޝިންޓަން ބިއުރޯ ޗީފް ޕޯލް ޑަނަހާ ވިދާޅުވީ ވައިޓްހައުސްގައި ކޮންމެ ދުވަހަކު ވެސް ބާއްވާ ހުރިހާ ނިއުސް ބްރީފިންއެއްގައި ވެސް ބައިވެރިވި ކަމަށާއި ހުކުރު ދުވަހުގެ ބައްދަލުވަށް ފުރުސަތު ނުދިނީ ކީއްވެކަން ނޭނގޭ ކަމަށެވެ. ނިއު ޔޯކް ޓައިމްސްގެ އެގްޒެކެޓިވް އެޑިޓަރު ޑީން ބަކުއެޓް ވިދާޅުވީ މިއީ އެ ނޫހުގެ ތަރީޚުގައި ވެސް ނިއުސް ކޮންފަރެންސަކަށް ފުރުސަތު ނުދިން ފުރަތަމަ ފަހަރު ކަމަށެވެ.