Roadha Mihaaru
ވައިޓްހައުސްގެ ނޫސްވެރިންގެ ޑިނާގައި ޓްރަމްޕް ބައިވެރިނުވާނެ

ވައިޓްހައުސްގެ ނޫސްވެރިންގެ ޑިނާގައި ޓްރަމްޕް ބައިވެރިވެޑައިނުގަންނަވާނެ

26 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 26) - އެމެރިކާގެ ރިޔާސީގަނޑުވަރު ވައިޓްހައުސްގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންގެ ޖަމިއްޔާ އިން ކޮންމެ އަހަރަކު ވެސް ބާއްވާ ޑިނާގައި މި އަހަރު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 26) - އެމެރިކާގެ ރިޔާސީގަނޑުވަރު ވައިޓްހައުސްގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންގެ ޖަމިއްޔާ އިން ކޮންމެ އަހަރަކު ވެސް ބާއްވާ ޑިނާގައި މި އަހަރު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ އިތުރުން މަޝްހޫރު ތަރިންނާއި ސިޔާސީ ފަރާތްތައް ބައިވެރިވާ މި އަހަރުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް މަހު 29 ގަ އެވެ. މިއީ އާއްމުކޮށް އެމެރިކާގެ ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ އިވެންޓެކެވެ.

ނޫސްވެރިންގެ ޑިނާގައި ބައިވެރިވެވަޑައި ނުގަންނަވާނެކަން ޓްވިޓާ މެދުވެރިކޮށް ޓްރަމްޕް އިއުލާން ކުރެއްވީ ވައިޓް ހައުސްގައި ބޭއްވި ޕްރެސް އިވެންޓަކަށް ވަނުން ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް މަނާކުރިތާ އެއް ދުވަސް ފަހުންނެވެ. ޓްރަމްޕް ހިތްހަމަޖެހިވަޑައިނުގަންނަވާ ގޮތަށް ލިޔާ ޚަބަރުތައް އެމަނިކުފާން ސިފަ ކުރައްވަނީ "ފޭކް ނިއުސް"ގެ ގޮތުގަ އެވެ.

ވައިޓްހައުސްގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަނުން މަނާކޮށްފައި ވަނީ ސީއެންއެން، ބީބީސީ، ނިއު ޔޯކް ޓައިމްސް އަދި ބަޒްފީޑް ފަދަ މުހިންމު މީޑިއާތަކެވެ.

ޓްރަމްޕާއި އަނބިކަނބަލުން 2011 ވަނަ އަހަރުގެ ޑިނާގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭޕީ

ޓްރަމްޕާއި އަނބިކަނބަލުން 2011 ވަނަ އަހަރުގެ ޑިނާގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭޕީ

ނޫސްވެރިންގެ ޑިނާ އަކީ 1921 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަފުލާއެކެވެ. އަދި 1924 ވަނަ އަހަރުން ފެށިގެން، ބޮޑު ހާދިސާއެއް ކުރިމަތިވެގެން ނޫނީ މި އިވެންޓުގައި، އެމެރިކާގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ގެންދަވަނީ ބައިވެވަޑައިގަންނަވަމުންނެވެ. ތަފާތު ސަބަބުތަކާ ހެދި ހަފުލާގައި ބައިވެރިވެވަޑައިނުގެންނެވުނީ 1972 ވަނަ އަހަރު ރިޗަޑް ނިކްސަން، 1978 ވަނަ އަހަރު ޖިމީ ކާޓާ އަދި 1981 ވަނަ އަހަރު ރޮނަލްޑް ރޭގަން އެވެ. އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ޑިނާގައި ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް ފޯނު މެދުވެރިކޮށް ހަފުލާގައި ރޭގަން މުޚާތަބް ކުރައްވާފައިވެ އެވެ.

ފަހަކަށް އައިސް ބޭއްވި ނޫސްވެރިންގެ ގިނަ ޑިނާތަކުގައި ޓްރަމްޕް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރުގެ ނޫސްވެރިންގެ ޑިނާގައި ރައީސް ބަރަކް އޮބާމާ ވަނީ ޓްރަމްޕަށް ޖޯކް ޖައްސަވަމުން، ޓްރަމްޕަށް ވެރިކަން ލިބިވަޑައިގެންނެފި ނަމަ ވައިޓްހައުސް ކެސިނޯއަކަށް ބަދަލު ކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ސިޔާސީ ކަންކަމުގެ ތެރެއަށް ޓްރަމްޕް ވެދެވަޑައިގެން އަދި ފަހުން ރިޔާސީ ރޭހަށް ނުކުންނެވުމަށް ޓްރަމްޕް ޝައުގުވެރިވެވަޑައިގެންނެވީ 2011 ވަނަ އަހަރުގެ ނޫސްވެރިންގެ ޑިނާ އަށް ފަހު އެވެ.