Roadha Mihaaru
ޓެކާސް މުބާރާތް ފަށަން ހާއްސަ ޗެރިޓީ މެޗެއް

ޓެކާސް މުބާރާތް ފަށަން ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން ހިމެނޭ ޗެރިޓީ މެޗެއް

15 ޖުލައި 2024

ކްރޮސްރޯޑްސްގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމަމައިގެން ޗެރިޓީ ފުޓްސަލް މެޗެއް ކުޅެން ނިންމައިފި އެވެ.

ކްރޮސްރޯޑްސްގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ހިމަމައިގެން ޗެރިޓީ ފުޓްސަލް މެޗެއް ކުޅެން ނިންމައިފި އެވެ.

އެ މެޗުގައި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި އަކްރަމް އަބްދުލް ގަނީ (އަކޫ)ގެ އިތުރުން އަލީ އުމަރާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި އޭނާގެ ބޭބެ ކުރީގެ ޑިފެންޑަރު އަހުމަދު އަޝްފާން ވެސް މި ޗެރިޓީ މެޗުން ފެންނާނެ އެވެ.

ޗެރިޓީ މެޗުގައި ވާދަކުރަނީ ޓޫރިޒަމް މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އެވެ. ކީޕަރު އިމްރާނާއި އަކުރަމް ފެންނާނީ ސްޕޯޓްސް މިނިސްޓަރު ރާފިއު ލީޑް ކުރައްވާ ސްޕޯޓްސް މިނިސްޓްރީގެ ޓީމުންނެވެ. މި ޓީމުގައި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެސް ހިމެނެ އެވެ.

އަލީ އުމަރާއި އަޝްފާގް އަދި އަޝްފާން ހިމެނެނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ލީޑް ކުރައްވާ ޓޫރިޒަމް މިނިސްޓްރީގެ ޓީމުގަ އެވެ.

މި ޓީމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު އެމްއެމްޕީއާރުސީގެ އެމްޑީ އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ރައީސް އަހުމަދު އަފްރާދު އާއި ކެއާ ސޮސައިޓީގެ ރައީސް އިސްމާއިލް އަދުހަމް ވެސް މި ޓީމުގައި ހިމެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ މުޖުތަމައުގައި އެހެން މީހުންނެކޭ އެއްފަދައިން ކަންކަމުގައި ބައިވެރިވެ އުޅޭ މުހިންމު ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ކެއާ ސޮސައިޓީގެ އޮފް މޯލްޑިވްސް އަށް ހާއްސަ ކޮށްގެން ކުޅޭ މި ޗެރިޓީ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:45 ގަ އެވެ.

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް މާދަމާ ފަށަނީ ކ. އަތޮޅު ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓްތައް ބައިވެރިވާ ސައުތު ކ. އަތޮޅު ބުރުންނެވެ. މުބާރާތުގެ ފުރަތަމަ މެޗު ފަށާނީ ޗެރިޓީ މެޗަށް ފަހު 5:15 ގަ އެވެ.