Roadha Mihaaru
ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރަށް

ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރުގެ ދަށަށް ބަދަލުކޮށްފި

17 ޖުލައި 2024

ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓުކުރާ ހަތަރު ބޯޓެއް ޅ. ފެލިވަރުގެ ދަށަށް ބަދަލުކޮށް، ފެލިވަރުން އޮޕަރޭޓު ކުރަމުން އައި 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރެވޭ ބޯޓެއް ކޫއްޑު އަށް ގެންދަން މިފްކޯ އިން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓުކުރާ ހަތަރު ބޯޓެއް ޅ. ފެލިވަރުގެ ދަށަށް ބަދަލުކޮށް، ފެލިވަރުން އޮޕަރޭޓު ކުރަމުން އައި 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރެވޭ ބޯޓެއް ކޫއްޑު އަށް ގެންދަން މިފްކޯ އިން ނިންމައިފި އެވެ.

އެ ކުންފުނިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަސްވެރިންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޯޓުތަކުގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. މިފްކޯ އަށް ކަޅުބިލަމަސް ގަންނަ އެ ކުންފުނީގެ ބޯޓުފަހަރުގެ އޮޕަރޭޝަނަށް ގެނައި މި ބަދަލާ އެކު މަސްކިރުމުގައި މަސްވެރިންނަށް މިހާރު ކުރިމަތިވާ ބައެއް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ދެކުނުގައި މަސް ގަންނަން އޮޕަރޭޓްކުރާ އާރުއެސްޑަބްލިޔު 27.5 ޓަނު ޖާގައިގެ ބޯޓުފަހަރުގެ ތެރެއިން ރަންދި 23، 24، 25 އަދި 26 ފެލިވަރުން އޮޕަރޭޓްކުރާ ބޯޓުތަކެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ ހަތަރު ބޯޓު ވެސް ކުރިން އޮޕަރޭޓްކުރީ ގއ. ކޫއްޑޫއިންނެވެ.

ފެލިވަރުން އޮޕަރޭޓުކުރި ޖަޒީރާ-102 ދެން އޮޕަރޭޓް ކުރާނީ ކޫއްޑޫގެ ސައިޓުން ކަމަށާއި އެ ބޯޓުން ދުވާލަކު 100 ޓަނަށް ވުރެ ގިނަ މަސް ގަނޑުކުރެވޭ ކަމަށް މިފްކޯގެ ބަޔާނުގައި ބުންޏެވެ.

މިފްކޯގެ ބޯޓަކަށް މަސްކިރުވުމަށް މަސްދާންޏަކުން ދާގަނޑަށް މަސް އަޅަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ ބޯޓަކަށް މަސްކިރުވުމަށް މަސްދާންޏަކުން ދާގަނޑަށް މަސް އަޅަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިފްކޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވިދާޅުވިގޮތުގައި، މި ބަދަލު ގެނައީ ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވާތީ އެތަނަށް ބޮޑަށް ބޭނުންވާ، އާރުއެސްޑަބްލިޔުގައި ބަހައްޓާފައި ހުންނަ ތާޒާ މަސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

"މި ހަތަރު ބޯޓް އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސް ގަންނަ ބޯޓު ބޭއްވޭނެ. މިކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސްކިރޭނެ ކަމުގެ ޔަގީންކަން އިތުރު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސް ވެސް ނުކިރޭ ކަމަށެވެ. ނަމަވެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ގަނޑުކުރެވޭ މަސް އިތުރުވާނެ އެވެ. އެކަމުގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުން މަސްކިރުމަށް ހަދާ ކިއު ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ބަޔާނުގައި ބުނީ އެ ކުންފުނީގެ ފްލީޓާ އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސް ގަތުމުގައި ހަރަކާތްތެރިވާ ކަމަށާއި އެ ފްލީޓަށް ގެންނަ އާ ބޯޓު ކަމަށްވާ ޖަޒީރާ-104 ވެސް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

ބަސްކިރާ ބޯޓެއް ޅ. ފެލިވަރުގެ ބަނދަރުގައި: ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރުގެ ދަށަށް މިހާރު ވަނީ ބަދަލުކޮށްފައި.-- ފޮޓޯ: މިހާރު

ބަސްކިރާ ބޯޓެއް ޅ. ފެލިވަރުގެ ބަނދަރުގައި: ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރުގެ ދަށަށް މިހާރު ވަނީ ބަދަލުކޮށްފައި.-- ފޮޓޯ: މިހާރު

އެ ކުންފުނިން ބުނި ގޮތުގައި، ޖަޒީރާ-104 އޮތީ މިހާރު މާލޭގެ ބަނދަރުގަ އެވެ. އެ ބޯޓަށް މަސްގަތުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، މިފްކޯގެ ފްލީޓުގައި 150 ޓަން އިތުރަށް ގަނޑުކުރެވޭނެ ކަމަށް ބުންޏެވެ.

މިފްކޯގެ ފްލީޓުގައި އެއް ކެރިއާ ވެސަލް އޮވެ އެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަންގައި މި ވަގުތު 13 ބޯޓު އޮޕަރޭޓްކުރެ އެވެ. އަދި އެ ބޯޓުފަހަރަށް ކިރާ މަސް ސައިޓަށް ގެންދިޔުމަށް މަދާ ވެސެލްގެ ގޮތުގައި ފަސް ބޯޓު އޮޕަރޭޓްކުރެ އެވެ.