Roadha Mihaaru
ކޫއްޑޫގައި މަސްވެރިން ހަޅުތާލުކުރަނީ، މަހެއް ނުކިރާ!

ކޫއްޑޫގައި މަސްވެރިން ހަޅުތާލުކުރަނީ، މަހެއް ނުކިރާ!

12 އެޕްރީލް 2022

މިފްކޯއިން ކޮންމެ ދޯންޏަކުން މަސް ކިރުމަށް ވަކި ވަރެއް ކަނޑައެޅުމުން މަސްވެރިން ހިތް ހަމަނުޖެހި ގއ. ކޫއްޑޫގައި ހަޅުތާލުކުރަމުން އެބަ ދެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިފްކޯއިން ކޮންމެ ދޯންޏަކުން މަސް ކިރުމަށް ވަކި ވަރެއް ކަނޑައެޅުމުން މަސްވެރިން ހިތް ހަމަނުޖެހި ގއ. ކޫއްޑޫގައި ހަޅުތާލުކުރަމުން އެބަ ދެ އެވެ.

މިފްކޯއިން ވަނީ ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރުވާ ގޮތަށް ލިމިޓްކޮށްފަ އެވެ. ކޫއްޑޫގެ ބަނދަރުގައި އޮތް ގާތްގަނޑަކަށް ތިރީހަކަށް ދޯނިން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. މި އިހްތިޖާޖާ ގުޅިގެން މިއަދު މަސްވެރިން އަތުން މަސް ކިރާކަށް އަދި ނުފަށަ އެވެ.

ފަރެސްމާތޮޑާގެ މަސްވެރިއެއް ކަމަށްވާ އަބްދުﷲ ޖަމީލް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުމަކީ ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރުވާ ގޮތަށް ބަދަލުކުރުން ކަމަށެވެ.

"މިހެން ހެދީމަ ސާޅީހަކަށް ޓަނު ބާނައިގެން އަންނަ ބަޔަކު އެބަ ޖެހޭ ދެ ހަފްތާ ކޫއްޑޫގައި އައިސް އަޅައަޅާ ތިބެން. އައިސް ހޯދަން އެހާ އުނދަގޫ،" އޭނާ ބުންޏެވެ.

އަބްދުﷲ ބުނީ މަސްވެރިން ބޭނުން ވަނީ ކޫއްޑޫގެ ލިމިޓް ހަމަވާ ވަރަށް ކިއު ނަންބަރު ތަރުތީބުން ގޮސް ކޮންމެ ދޯންޏަކުން ވެސް ބާނާ ހުރިހާ މަހެއް ކިރޭނެ ގޮތް ހަމަޖެހުން ކަމަށެވެ.

"އެ ހެޔޮ ފަސް ދޯނީގެ މަސް ވިޔަސް. ނޫނީ ހަ ދޯނީގެ މަސްވިޔަސް. ކިއު ނަންބަރު ތަރުތީބުން ދޯނިން ބާނާ ހުރިހާ މަހެއް ކިރޭނެ ގޮތް ވާންޖެހޭ. މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

ކޫއްޑޫގެ ބަނދަރުގައި މަސް ކިރަން ގާތްގަނޑަކަށް 30 ވަރަކަށް ދޯނި އެބައޮތް--ފޮޓޯ:މިހާރު

ކޫއްޑޫގެ ބަނދަރުގައި މަސް ކިރަން ގާތްގަނޑަކަށް 30 ވަރަކަށް ދޯނި އެބައޮތް--ފޮޓޯ:މިހާރު

މި ވަގުތު ކޫއްޑޫގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ މަސް ކިރުވަން އެހާ ދުވަސްވުމެވެ. އިހްތިޖާޖުގައި މަސް ނުކިރި ފަސް ދުވަސް ހަ ދުވަސް ވެފައިވާ ދޯނިތައް ވެސް އެބަ ތިއްބެ އެވެ. މަސްވެރިކަން ރަނގަޅުވެ، މަސް ކިރުމުގެ އުނދަގޫތައް ކުރިމަތިވިތާ ހަފްތާއެއްހާ ދުވަސްވީ އިރު މިއީ ކޮންމެ އަހަރެއްގައި ވެސް މަސްވެރިންނަށް ދިމާވާ ކަމެކެވެ.

ގދ. މަޑަވެލީގެ މަސްވެރިއެއް ކަމަށްވާ ނާޒިމް ރަޝީދު ބުނީ ކޮންމެ ދޯންޏަކުން ވަކިވަރެއް ކަނޑައެޅުމުން އެކަމުން މަސްވެރިންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާ ކަމަށެވެ.

"މިހާރު އެހެން ހެދީމަ މަހުގެ ކޮލިޓީ ގެއްލެނީ. މަސް ކިރަން ތިބެން ޖެހޭ ވަގުތު ދިގު ދެމިގެންދަނީ. ފަސް ޓަނު ކިރާފައި އަނެއްކާ ވެސް ކިއު ނަންބަރު ނަގައިގެން މި ތިބެން މިޖެހެނީ،" އޭނާ ބުންޏެވެ.