Roadha Mihaaru
ބިދޭސީންގެ "ކެފޭ"އަކުން ބަޔަކު އަތުލައިގެންފި

ގަރާޖެއްގެމަތީގައި ހިންގާ ބިދޭސީންގެ "ކެފޭ" އަކުން ބަޔަކު އަތުލައިގެންފި

18 ޖުލައި 2024

ހުޅުމާލޭގެ ގަރާޖެއްގެ މަތީގައި ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައިފާސްކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހުޅުމާލޭގެ ގަރާޖެއްގެ މަތީގައި ހިންގަމުންދިޔަ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައިފާސްކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ އިދާރާ އިން މިއަދު ބުނި ގޮތުގައި، އެ ކެފޭއާ ގުޅޭ ގޮތުން ލިބުނު މައުލޫމާތާ ގުޅިގެން އެ ތަނަށް އިމިގްރޭޝަން އޮފިސަރުން ދިޔައިރު، ބިދޭސީން ދިޔައީ އެ ތަން ރޫޅާލައި ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް، ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި 8 ބިދޭސީއަކާއި ގަރާޖުން ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މި ތަނާ ގުޅިގެން ދާދި ފަހުން ސޯޝަލް މީޑިއާގައި ވެސް އާއްމުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ގަރާޖުމަތީގައި ހިންގާ "ކެފޭ" ބަންދުކުރީ އިމިގްރޭޝަނުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ކޮންމެ މީހަކަށް ވެސް އެ އިދާރާއާ ހިއްސާ ކުރުމަށް އިއްޔެ ތައާރަފުކުރި "އިމިގްރޭޝަން ވޮޗް" ޕޯޓަލް އަށް ލިބުނު މައުލޫމާތަކާ ވެސް އެކުގަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އިތުރުން އިމިގްރޭޝަންގެ ހިދުމަތާ ގުޅޭ ކޮންމެ ޝަކުވާއެއް ކޮންމެ މީހަކަށް ވެސް އެ ޕޯޓަލް އަށް ކޮންމެ ގަޑިއަކު ހުށަހެޅެ އެވެ. އިމުގާ ވެބްސައިޓުގައި ގާއިމްކުރި މި ޕޯޓަލް އަށް ކާކުކަން ސިއްރު ކުރެވޭ ގޮތަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ. ފޮޓޯއާއި އިތުރު މައުލޫމާތާ އެކު، ރިޕޯޓު ކުރެވޭ މި ޕޯޓަލް އަށް 24 ގަޑިއިރު މައްސަލަ ހުށަހެޅޭނެ އެވެ.

އިމިގްރޭޝަނުން މިހާރު އަންނަނީ، ގާނޫނުން މަނާކޮށްފައި ވަނިކޮށް ވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީން ހުއްޓުވައި އެތަންތަން ބަންދު ކުރަމުންނެވެ. އެގޮތުން، މި ފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް ވަނީ 120 މީހަކު ވަނީ އަތުލައިގެންފަ އެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށް ވަނީ މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ވެސް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަނެފަ އެވެ. އަދި ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ.