Roadha Mihaaru
"ޑޫން: ޕްރޮފެސީ"ގެ ޓީޒާގައި ތާބޫ

"ޑޫން: ޕްރޮފެސީ"ގެ ޓީޒާގައި ތާބޫ

21 ޖުލައި 2024

ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމު "ޑޫން"ގެ ޕްރީކުއެލް ސީރީޒް "ޑޫން: ޕްރޮފެސީ"ގެ ޓީޒާއެއްގައި ފުރަތަމަ ފަހަރަށް ބޮލީވުޑްގެ އެކްޓަރު ތާބޫ ދައްކާލައިފަ އެވެ.

ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމު "ޑޫން"ގެ ޕްރީކުއެލް ސީރީޒް "ޑޫން: ޕްރޮފެސީ"ގެ ޓީޒާއެއްގައި ފުރަތަމަ ފަހަރަށް ބޮލީވުޑްގެ އެކްޓަރު ތާބޫ ދައްކާލައިފަ އެވެ.

"ޑޫން: ޕްރޮފެސީ"ގައި ތާބޫ ފެންނާނެ ކަން އިއުލާންކުރީ މިދިޔަ މެއި މަހު އެވެ. އޭގެ ފަހުން މި ފިލްމުގެ ޓީޒާ ނުކުތްއިރު އޭގެން ތާބޫއެއް ނުފެނެ އެވެ. ނަމަވެސް، މިދިޔަ ހުކުރު ދުވަހު އާންމުކުރި މި ސީރީޒްގެ ދެވަނަ ޓީޒާގައި ވަނީ ތާބޫގެ މަންޒަރެއް ދައްކާލައިފަ އެވެ.

މި ސީރީޒްގައި ތާބޫ ކުޅެނީ ސިސްޓަ ފްރާންސެސްކާ ކިޔާ ކެރެކްޓާއެއްގެ ރޯލެވެ. ތާބޫ އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާއަށް ވަނީ އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ދެ ފަހަރެއްގެ މަތިން ލިބިފަ އެވެ. އަދި ފިލްމުފެއާ އެވޯޑު ހަތް ފަހަރަކު ލިބިފައިވެ އެވެ.

އެޗްބީއޯ މެކްސް އިން ގެނެސްދޭ "ޑޫން: ޕްރޮފެސީ" މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. އަދި އެންމެ ފުރަތަމަ މި ސީރީޒަށް ދިން ނަމަކީ "ޑޫން: ސިސްޓަހުޑް" އެވެ. މި ސީރީޒް ބިނާކޮށްފައި ވަނީ ބްރަޔަން ހާބަޓް އާއި ކެވިން ޖޭ އެންޑަސަން ލިޔެފައިވާ ވާހަކަ "ސިސްޓަހުޑް އޮފް ޑޫން" އަށެވެ.

މި ސީރީޒްގައި ދައްކާނީ "ޑޫން" ފިލްމް ސީރީޒްގައި ހިނގި ކަންތައްތަކުގެ 10،000 އަހަރު ކުރި އެވެ.

ތާބޫގެ އެންމެފަހުން ނުކުތް ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި ފިލްމު "އަންދާދުން" އާއި ބީބީސީގެ މިނީ ސީރީޒް "އަ ސުއިޓެބަލް ބޯއީ" ހިމެނެ އެވެ. އޭނާގެ ފިލްމަކަށް އެންމެފަހުން ނުކުތީ މިދިޔަ މާޗު މަހު ސިނަމާތަކުގައި އެޅުވި "ކްރޫ" އެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

"ޑޫން: ޕްރޮފެސީ" ސްޓްރީމްކުރަން ފަށަނީ އަންނަ ނޮވެމްބަރު މަހު އެވެ. ނަމަވެސް، ސީދާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.