Roadha Mihaaru
ޓީޗިން ހަދަން ބޭނުންވާ ދަރިވަރުން ހޯދަން ސްކޫލްތަކަށް

ޓީޗިންއަށް ޝައުގުވެރިވާ ކުދިން ހޯދަން މިނިސްްޓްރީން ސްކޫލްތަކަށް

17 ސެޕްޓެމްބަރ 2024

އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ކުދިން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އޭ ލެވެލް ކިޔަވައިދޭ ސްކޫލުތަކަށް ދާން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ކުދިން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އޭ ލެވެލް ކިޔަވައިދޭ ސްކޫލުތަކަށް ދާން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމަކީ ތައުލީމީ ދާއިރާގެ ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރަން ދިވެހި ޓީޗަރުން ގިނަކުރުމުގެ ގައުމީ މަޝްރޫއެއް ފަށާނެ ކަން މި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އޭގެ އިތުރުން އޭ ލެވެލް ކިޔަވާ ކުދިންގެ ތެރެއިން ޓީޗިން ހަދަން ބޭނުންވާ ދަރިވަރުންނަށް މަހަކު 1،500 ރުފިޔާގެ އެލަވަންސެއް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު "މިހާރު" އަށް ވިދާޅުވީ މި މަހު އޭ ލެވެލް ފެށި ދަރިވަރުންގެ ތެރެއިން ކިޔަވާ ނިމުމުން، ޓީޗިންގެ ރޮނގުން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ދަރިވަރުންގެ ނަން ނޯޓް ކުރަމުން އަންނަ ކަމަށެވެ.

ޝައުގުވެރިވާ ގިނަ ކުދިންނަށް ފުރުސަތު ދޭން، މިނިސްޓްރީން ސްކޫލްތަކަށް ޒިޔާރަތްކުރަން ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބޭނުންވާ ދަރިވަރުންގެ އަދަދު އެއްކޮށް އެނގުނީމަ އެލަވެންސް ދޭން ފަށާނީ. އަދި ކުރަމުން މިދަނީ އިންޓްރެސްޓް ހުރި ކުދިން ހޯދުމުގެ މަސައްކަތް،" ޝަފީއު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު "މިހާރު" އަށް ހިއްސާކުރި ޓީޗަރުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެންމެ ގިނަ ޓީޗަރުން ބޭނުންވަނީ ޕްރައިމަރީ ގްރޭޑްތަކަށެވެ. އެއީ ޖުމްލަ 253 ޓީޗަރުންނެވެ.

ޓީޗަރުން އެންމެ ގިނައިން ބޭނުންވަނީ އިނގިރޭސި އާއި ހިސާބު މާއްދާ އަށެވެ. އިނގިރޭސިއަށް 208 ޓީޗަރުން ބޭނުންވާއިރު ހިސާބަށް 175 ޓީޗަރުން ބޭނުންވެ އެވެ. އެ ހިސާބުތަކުގައިވާ ގޮތުން، މިހާރު ތިބި ޓީޗަރުންގެ އިތުރަށް، ރާއްޖެއަށް ދިވެހި ޓީޗަރުންގެ ގޮތުގައި ޖުމްލަ 113 ޓީޗަރުން ބޭނުންވެ އެވެ.