Roadha Mihaaru
އުދައަރާނެ ކަމަށް ލަފާކުރާތީ ދަތުރުކުރާއިރު ސަމާލުވޭ!

އުދަ އަރާނެ ކަމަށް ލަފާކުރާތީ ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން އެދިއްޖެ

21 ޖުލައި 2024

އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާތީ، ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ މީހުން ސަމާލުކަން ދިނުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާތީ، ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ މީހުން ސަމާލުކަން ދިނުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ، ކ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާ ކަމަށެވެ. އެހެންވެ، ސިނަމާލެ ބްރިޖާއި އެ ބްރިުގެ ހައިވޭއިން ދަތުރުކުރާ މީހުން ސަމާލުކަން ދިނުމަށް ފުލުހުން އެދުނެވެ.

ރަށްރަށުގެ ގޮނޑުދޮށް ކައިރީގައި ދިރިއުޅޭ މީހުން މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމަކީ ވެސް ފުލުހުންގެ އިލްތިމާސެކެވެ.

މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނީ މިއަދު މެންދުރު ފަހު 1:15 އާއި ހަވީރު 5:15 އާ ދެމެދުގައި ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ މިއަދު ދިޔަވަރު އެންމެ ބޮޑުވާ ވަގުތެވެ.

އެ އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދު ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ލޮނުގަނޑު 2.8 ފޫޓަށް އުފުލޭނެ އެވެ. ދެކުނުގެ އަތޮޅުތަކަށް 3.2 ފޫޓަށް ލޮނުގަނޑު އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފާއިތުވި އަހަރުތަކުގައި ރަށްރަށަށް އުދަ އަރައި ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. ސިނަމާލެ ބްރިޖާއި ހުޅުލެއާ ގުޅޭ ހިސާބަށް މިދިޔަ އަހަރު ވަރަށް ބޮޑަށް އުދަ އެރި އެވެ. އެ ސަރަހައްދަށް އެރި ބޮޑު ރާޅަކާ އެކު، އެވަގުތު އެތަނުން ދަތުރުކުރި ސައިކަލްތައް ކަހާލައިގެން ވެއްޓި، ވެހިކަލްތަކަށް ގެއްލުންވި އެވެ.