Roadha Mihaaru
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 29ގައި

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 29ގައި

12 އޯގަސްޓް 2020

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 29 ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 29 ގައި ބާއްވަން އެ ކުންފުނިން ނިންމައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޖަލްސާ ބާއްވަން މިހާރު ނިންމާފައިވަނީ 29 ވަނަ ދުވަހުގެރޭ 9:00 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމަންޓު ސިސްޓަމް "ފަހި ވޯޓު" މެދުވެރިކޮށް ކަމަށެވެ.

މި ޖަލްސާ ގައި ބައިވެރިވެވޭނީ މި މަހުގެ 23ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށް އެކަންޏެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 9:00ގެ ކުރިން އެމްއެސްޑީގެ ޕޯޓަލް http://infinity.mv/ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި ހިއްސާދާރުގެ ބަދަލުގައި އިތުރު މީހަކު ބައިވެރިވާ ނަމަ ޕްރޮކްސީ ވެސް މި ތާރީހުގެ ކުރިން ހުށަހަޅަން ޖެހޭނެ އެވެ.

އެމްޓީޑީސީން މިއަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާ އަކީ އެ ކުންފުންޏަށް ވަރަށް މުހިންމު ޖަލްސާ އެކެވެ. އެގޮތުން، އެ ކުންފުނިން ވަނީ 11 އަހަރަށް ފަހު ހިއްސާގެ ފައިދާ ބަހަން ނިންމައިފަ އެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ލާރި ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އަހަރުގެ ހިސާބުތައް ބަންދު ކުރާ ތާރީހާ ހަމަ އަށް ކުންފުނީގައި ރަޖިސްޓްރީވާ ހިއްސާދާރުންނަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފަށާފައިވަނީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ބަދަލާ އެކު ކުރިން ހިއްސާ ގަތް މީހުންގެ ހިއްސާތައް އެމްޓީޑީސީން ވަނީ އިތުރުކޮށްފަ އެވެ. އެހެންކަމުން 2014 ގެ ކުރިން ހިއްސާ ގަތް މީހުންގެ ހިއްސާއެއްގެ އަގަކީ 100ރ. ކަމަށް ބަލާ ނަމަ ހިއްސާއަކަށް ފައިދާގެ ގޮތުގައި ލިބޭނީ 5ރ. އެވެ.