Roadha Mihaaru
ޔާމީންގެ މަރު:ސިއްރު ހެއްކަކީ ތުހުމަތުވި މީހެއް!

ޔާމީންގެ މަރުގެ މައްސަލާގައި ސިއްރުން ހެކިބަސް ދިނީ އެކަމުގައި ތުހުމަތުވެ، ދައުލަތުން ދައުވާކުރި މީހެއް: ވަކީލުން

06 އޯގަސްޓް 2024

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ސިއްރުން ހެކިބަސް ދިން މީހަކީ އެކަމުގައި ބައިވެރިވުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، ދައުލަތުން ކުރިން ދައުވާ ކޮށްފައިވާ މީހެއް ކަމަށާއި އެކަން ދައުލަތުން ސިއްރު ކޮށްފައިވާ ކަމަށް ދިފާއީ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ސިއްރުން ހެކިބަސް ދިން މީހަކީ އެކަމުގައި ބައިވެރިވުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، ދައުލަތުން ކުރިން ދައުވާ ކޮށްފައިވާ މީހެއް ކަމަށާއި އެކަން ދައުލަތުން ސިއްރު ކޮށްފައިވާ ކަމަށް ދިފާއީ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދުގެ އިތުރުން މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އޭގެ ތެރެއިން ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވެ، އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމް ކުރިޔަސް، ދެން ތިބި މީހުން ވަނީ ސަލާމަތްވެފަ އެވެ.

ހައިޝަމާއި ޒިހާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޒިހާނާއި ހައިޝަމްގެ ވަކީލުން ބުނީ ޔާމީން މަރާލި މައްސަލާގައި ހެކިބަސް ދިން ސިއްރު ހެކިވެރިއަކީ އެ މައްސަލާގައި ކުރިން ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ވެސް ކުރި ކަމަށެވެ. ނަމަވެސް އޭނާގެ ބައި ފަހުން އަނބުރާ ގެންދިޔައީ ކަމަށާއި އެކަމާބެހޭ މައުލޫމާތުތައް ވެސް ދައުލަތާއި ކޯޓުން އޮތީ ސިއްރު ކޮށްފައި ކަމަށް ވަކީލުން ބުންޏެވެ. އަދި އެއީ ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށް ވަކީލުން ބުންޏެވެ.

ވަކީލުން ބުނިގޮތުގައި، ޔާމީން މަރާލަން ދައުވާލިބޭ މީހުން މިސްކިތެއްގެ ތެރޭގައި މަޝްވަރާކުރި އަޑުއިވުނު ކަމަށާއި އަދި ޔާމީން މަރާލި ފަހުން ފިހާރައެއްގެ ތެރޭގައި އެ މީހުން އެ ވާހަކަ ދެއްކި އަޑުއިވުނު ކަމަށް އެ ހެކިވެރިޔާ ކޯޓުގައި ބުންޏަސް، އެކަމުގައި ބައިވެރިވި ނުވާ ނަމަ އެ ވާހަކަތައް ހެކިވެރިޔާއަށް އަޑުއިވުނު ގޮތާ މެދު ސުވާލު އުފެދޭ ކަަމަށެވެ. އަދި އެކަންކަމާ ބެހޭގޮތުން ހެކިވެރިޔާއާ ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބުދޭން އިންކާރު ކުރި ކަމަށް ވަކީލުން ބުންޏެވެ.

މީގެ އިތުރުން، އިތުރު ސިއްރު ހެކިވެރިއަކު ކޯޓުގައި ހެކިބަސް ދިނުމަށްފަހު، އެ ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ވަކީލުން ބުންޏެވެ. ނަމަވެސް އެކަންކަމުގެ މައުލޫމާތު ދިފާއީ ވަކީލުންނާ އޭރު ކޯޓުން ހިއްސާ ކޮށްފައިނުވާ ކަމަށް ވަކީލުން ބުންޏެވެ. އަދި ވީޑިއޯތަކުން ފެންނަނީ ދައުވާލިބޭ މީހުން ކަމަށް ފުލުހުން ބުނާ ބުނުން ބިނާވާ ސަބަބެއް ވެސް ސައިންޓިފިކް އުސޫލަކުން ފުލުހުން ކޯޓުގައި ބުނެދީފައިނުވާ ކަމަށް ވަކީލުން ބުންޏެވެ.

ދިފާއީ ވަކީލުން ބުނިގޮތުގައި، މީހަކު މަރާލުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް ހެކީގެ މިންގަނޑު ދަށްކޮށްގެން މަރުގެ ކުށްތައް ސާބިތު ކުރުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުގެ ދަށުން ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށްފަހު އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.

އެ މައްސަލާގައި ހައިޝަމާއި ޒިހާން ޖަލަށްލާން ކުރި ހުކުމް އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރިއިރު، އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ވެސް އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.