Roadha Mihaaru
ބަންގްލަދޭޝްގައި އަލުން މުޒާހަރާ ފަށާނެ ކަމުގެ އިންޒާރު

ބަންގްލަދޭޝްގައި މުޒާހަރާ ރޭވި އިސް މީހުން ދޫނުކޮށްފި ނަމަ މުޒާހަރާ އަލުން ފަށާނެ ކަމުގެ އިންޒާރު

29 ޖުލައި 2024

ބަންގްލާދޭޝްގައި ސިވިލް ސާވިސްގެ ވަޒީފާ އަށް މީހުން ނެގުމުގައި އަމަލުކުރަން ފެށި އުސޫލާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު މީހުން ދޫނުކޮށްފި ނަމަ އަލުން މުޒާހަރާ ފަށާނެ ކަމުގެ އިންޒާރު ދީފި އެވެ.

ބަންގްލާދޭޝްގައި ސިވިލް ސާވިސްގެ ވަޒީފާ އަށް މީހުން ނެގުމުގައި އަމަލުކުރަން ފެށި އުސޫލާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު މީހުން ދޫނުކޮށްފި ނަމަ އަލުން މުޒާހަރާ ފަށާނެ ކަމުގެ އިންޒާރު ދީފި އެވެ.

ސިވިލް ސާވިސް ވަޒީފާ އަށް މީހުން ނެގުމަށް ސިޔާސީ ގޮތުން ކޯޓާ ކަނޑައެޅުމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ، ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު އެއް ހަމަނުޖެހުމަށް ބަދަލުވެ 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ކާފިއު ހިންގައި، މަގުތައް ޕެޓްރޯލް ކުރަން ސިފައިން ނުކުމެ ވަނީ އެތައް ހާސް ބަޔަކު ހައްޔަރު ކޮށްފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލުން ނެއްޓިފައިވަނިކޮށް ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ ވަޒީފާގެ ކޯޓާ ގެނައުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރީ، ކުރިން ވަޒީފާތަކުގެ 56 ޕަސެންޓް ވަކި ބަޔަކަށް ހާއްސަ ކުރާ ގޮތަށް އޮތް އޮތުން ހަތް ޕަސެންޓަށް ދަށް ކުރުމަށެވެ.

މިހާރު ހަމަޖައްސާފައި ވަނީ ސިވިލް ސާވިސް ވަޒީފާތަކުގެ ފަސް ޕަސެންޓް ހާއްސަ ކުރަން ވާނީ 1971 ވަނަ އަހަރު ޕާކިސްތާނާ ހަނގުރާމަކޮށް ބަންގްލާދޭޝް އަށް މިނިވަންކަން ހޯދައިދިން "ބަތަލުން" ގެ ދަރިންނަށް ކަމަށެވެ. ކުރިން އޮތީ އެ އަދަދު 30 ޕަސެންޓް ކަމަށެވެ.

ގަބީލާތަކުގެ މީހުންނަށް އެއް ޕަސެންޓް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ބަންގްލާދޭޝްގެ ގާނޫނުގެ ދަށުން "ތިން ވަނަ ޖިންސު" ގެ މީހުންނަށް ވެސް ލިބޭނީ އެއް ޕަސެންޓް ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

މިހާރު ނިންމާފައި ވަނީ ބާކީ ދެން އޮންނަ 93 ޕަސެންޓަކީ ގާބިލް ކަމަށް ބަލައިގެން ވަޒީފާ އަށް ހޮވަންޖެހޭ ނިސްބަތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު މުޒާހަރާތައް ހުއްޓާލައި، ސަރުކާރު އޮފީސްތަކާއި ސްކޫލް އަދި ކޮލެޖުތައް ވެސް މިދިޔަ ހަފްތާގައި ވަނީ އަލުން ހުޅުވައިފަ އެވެ. އަދި ކުރިން ކަނޑާލާފައި އޮތް އިންޓަނެޓުގެ ހިދުމަތް ވެސް ބައެއް ސަރަހައްދުތަކަށް ސަރުކާރުން ވަނީ އަލުން ދީފަ އެވެ.

އެކަމަކު، ދަރިވަރުން މިހާރު ދަނީ، މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ މީހުންގެ އިސް ލީޑަރުން ދޫކޮށްލަން ސަރުކާރަށް ގޮވާލަމުންނެވެ. އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރުމަށް ވެސް ދަރިވަރުން ދަނީ ޑިމާންޑު ކުރަމުންނެވެ.

އެ ޑިމާންޑުތަކަށް އިޖާބަ ނުދީފި ނަމަ، އަލުން މުޒާހަރާތައް ފަށާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.