Roadha Mihaaru
ހަނިއްޔާގެ މަރާ ގުޅޭ އެއްވެސް ކަމެއް ނޭނގެ: އެމެރިކާ

ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅޭ އެއްވެސް ކަމެއް ނޭނގެ: އެމެރިކާ

31 ޖުލައި 2024

ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ އެމެރިކާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ލިބިފައި ނެތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިއަދު ވިދާޅުވެއްޖެ އެވެ.

ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ އެމެރިކާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ލިބިފައި ނެތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިއަދު ވިދާޅުވެއްޖެ އެވެ.

އީރާންގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަނިއްޔާ ވަޑައިގެން އުޅުއްވަނިކޮށް އަވަހާރަކޮށްލީ އީރާން ސިފައިން ބަލަހައްޓާ އިމާރާތެއްގައި ހުންނަވަނިކޮށް މެންދަމުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި ކަމަށް އީރާންގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އެއީ ކިހިނެއް ދިން ހަމަލާއެއް ކަމުގެ ތަފްސީލެއް ނެތެވެ. ހަމާސް އިން ބުނީ ހަނިއްޔާ ހުންނެވި ގެޔަށް ހަމަލާދިނީ ވައިގެމަގުން ކަމަށެވެ.

މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނާއި ހަމާސް އިން ބުނަމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން އިޒްރޭލުން އެއްވެސް ވާހަކައެއް އިޒްރޭލުން ނުދައްކަ އެވެ.

އެމެރިކާއިން ވެސް ބުނީ މިއީ އެމެރިކާއަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ.

"މިކަމާ ގުޅިގެން ދެން ވާނެ ގޮތަކާ މެދު އެއްޗެއް ބުނާކަށް ނޭނގެ. އެކަމަކު [ޣައްޒާގައި] ހަމަލާތައް ހުއްޓުމަކަށް ގެނައުމާއި އެކަން އެންމެންނަށް ވެސް މުހިންމުކަން އެއީ ބަދަލުވާނެ ހަގީގަތެއް ނޫން،" ހަނިއްޔާ އަވަހާރަކޮށްލުމުން ސުލްހައިގެ މަޝްވަރާތަކަށް ވާނެ ގޮތަކާ މެދު ސުވާލުކުރުމުން ބްލިންކެން ވިދާޅުވި އެވެ.

"މިއީ އެމެރިކާއަށް އެނގިގެން ހިނގި ކަމެއް ނޫން އަދި އެމެރިކާގެ ބައިވެރިވުމެއް ވެސް އޮތް ކަމެއް ނޫން."

އެމެރިކާއިން އަސްކަރީ ގޮތުން ވާގިވެރިވާ އިޒްރޭލަށް ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލި ހާދިސާއަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވަނީ ހަމާސް ނައްތާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މި އިންޒާރާ އެކު ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ހަނިއްޔާގެ ބޭފުޅުންނާއި އާއިލާގެ އެތައް ބަޔަކު ހިމެނެ އެވެ. -- އޭއެފްޕީ